ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް ނުހުއްޓި ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކުގެ ސަބަބުން، ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ފިޔަވާ އެހެން މަޝްރޫޢުތައް ހިންގުން ސަރުކާރުން މިހާރު ވަނީ ހުއްޓާލާފައެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ހެރިޓޭޖް ޓްރަސްޓް ފަންޑުންނެވެ.
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ދިމާވެފައިމިވާ ދަތި ދަނޑިވަޅުގައިވެސް ރާއްޖޭގެ އާސާރުތައް ހިމާޔަރްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
އެހެންނަމަވެސް، މިހާރު ރާއްޖެ ކުރިމަތިލާފައިވާ ބަލިމަޑުކަމުގެ ސަބަބުން މިފަދަ ކަންކަމަށް ލިބޭ ބަޖެޓް ލިބުން ދަތިވުމަކީ ހުރަހެއްކަމަށް އެ މިނިސްޓްރީއިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ދާރުލްއާސާރަކާއެކު އުތީމު ހަނދާނީ މަރުކަޒު އިތުރަށް ތަރައްގީކުރަަން ނިންމާ މިއަހަރުގެ ބަޖެޓްގައި 1.6 މިލިއަން ރުފިޔާ ކަނޑައެޅިނަމަވެސް މިވަގުތު އެޚަރަދުވެސް ކުރެވެންނެތްކަން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް، މި މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދިއުމަށްޓަކައި، ހެރިޓޭޖް ޤާނޫނުގެ ދަށުން ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް ހެރިޓޭޖް ޓްރަސްޓް ފަންޑުން ކުރަން ނިންމާފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވިއެވެ.
މި މަސައްކަތް އިތުރަށް އަވަސްކުރުމައްޓަކައި ޓްރަސްޓް ފަންޑަށް ދެމެހެއްޓެނިވި އާމްދަނީްއެއް ލިބޭނެ މަގު ހެރިޓޭޖް މިނިސްޓްރީއިން ދަނީ ފަހިކުރަމުންނެވެ. އެގޮތުން އާސާރީތަންނަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމުންގެ އަތުން ވިޒިޓިން ފީ ނަގާ، މިފަދަ ތަންތަނުގައި އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މި މަރުކަޒުގެ ބީއެމްސީ ކޮމްޕްލެކްސްގައި އިތުރު އެކޮމޮޑޭޝަންތައް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީއިން ވަނީ ފަށާފައެވެ. މި އެކޮމޮޑޭޝަން ބްލޮކްގައި ހިމެނޭ 4 ކޮޓަރިއާއި 5 ފާޚާނާ ތަރައްޤީކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހެރިޓޭޖް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
ހެރިޓޭޖް މިނިސްޓްރީއިން ވިދާޅުވީ، އަމާޒަކީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ފުރިހަމަ ޒަމާނީ ކޮމްޕްލެކްސްއެއްގެ ގޮތުގައި ތަރައްޤީކުރުން ކަމަށެވެ. އެގޮތުން މި ކޮމްޕްލެކްސްގައި ދާރުލްއާސާރަކާއި، ބޮޑެތި ޖަލްސާތައް ބޭއްވޭނެ މަލްޓި ޕާޕަސް ހޯލަކާއި އަދި ސުވެނިއަރ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ހިންގުމަށްވަނީ ނިންމާފައެވެ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނަށް ނިސްބަތްވާ ތާރީޚީ ގަނޑުވަރު މިހާރު ހިންގަމުންދަނީ އުތީމު ހަނދާނި މަރުކަޒުންނެވެ. އެ މަރުކަޒުގައި ހޯލަކާއި އޮފީހަކާއި ލައިބްރަރީއެއްވެސް މިހާރު ހުރެއެވެ.