ޚަބަރު

ކޯވިޑް-19 : "ރިސްކުބޮޑު" މީހުން ޕޮޒިޓިވްވުން އިތުރުވަނީ


ކޯވިޑް-19އަކީ އާދައިގެ ރޯގާއެއް ކަމަށް ބެލެވުނު ނަމަވެސް މީގެ ނުރައްކާ ބައެއް މީހުންނަށް ބޮޑުކަމަށް ޑޮކްޓަރުން ފާހަގަކުރައްވައެވެ. އޭގެތެރެއިން އެއް ބަޔަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ނުވަތަ ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިކެޓަގަރީގެ މީހުން މިހާރު ޕޮޒިޓިވްވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވެ އޭގެ ނުރައްކާތެރިކަމުގެ އިންޒާރު ސިއްޙީދާއިރާގެ ތަޖުރިބާކާރުން އަންނަނީ ދެއްވަމުންނެވެ. ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު މިހާރު އޮތް ގޮތުގެ މަޢުލޫމާތު ހާމަކުރައްވަމުން އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތަފާސްހިސާބަށް ބަލާއިރު ބޮޑެތި ބަލިތަކަށް ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ހޯދާ ބަލިމީހުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން އަންނަކަމަށެވެ.

ކޯވިޑް-19ގެ ކޭސްތަކުގެ ތަފާސްހިސާބަށް ބަލާއިރު 30ވަނަ ހަފްތާއިން ފެށިގެން ކޭސްތައްވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ހައިރިސްކް ކެޓަގަރީގެ މީހުން ޕޮޒިޓިވްވާ މިންވަރުވަނީ އިތުރުވެފައެވެ.

މިހަފްތާގައި ބޮޑެތި ބަލިތަކަށް ދިގުމުއްދަތަކަށް ބޭސްކުރާ 462 މީހަކު ވަނީ ރާއްޖެއިން މިބައްޔަށް ހުށައެޅިފައެވެ. އަދި 31ވަނަ ހަފްތާގައި 940 މީހަކުވަނީ މިކެޓަގަރީން ޕޮޒިޓިވްވެފައެވެ. 32 ވަނަ ހަފްތާގައި ހައިރިސްކް ކެޓަގަރީ 777 ކޭސް ޕޮޒިޓިވްވެފައިވާއިރު 33 ވަނަ ހަފްތާގައި 856 އަދި 34 ވަނަ ހަފްތާގައި 968 އަށް ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދެހަފްތާގެ ތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުން ޕޮޒިޓިވްވާ މިންވަރުވަނީ ކޮންމެވެސް ވަރަކަށް މަދުވެފައެވެ. 35 ވަނަ ހަފްތާގައި 516 މީހަކު ޕޮޒިޓިވްވީއިރު ޖެހިގެންއައި 36ވަނަ ހަފްތަގައިވަނީ 422 މީހަކު ކޯވިޑް-19އަށް މިކެޓަގަރީން ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ދިގުމުއްދަތަކަށް ބޭސްކުރާ ބަލި މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހުންގެތެރޭގައި ހިތުގެ އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ފުއްޕާމޭގެ ބަލި ހުންނަ މީހުންގެ ނިސްބަތުން ގިނަކަމަށް ޑރ.އަފްޒަލް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހަކުރު ބަލި ހުންނަ މީހުންނާއި އެއްބައްޔަށްވުރެ ގިނަ ބަލި ހުރެގެން ދިގު މުއްދަތެއްގައި ފަރުވާ ހޯދަމުންދާ މީހުން ޕޮޒިޓިވްވާ މިންވަރު އިތުރުކަން ޑރ.އަފްޒަލް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ދިގުމުއްދަތަކަށް ބޭސްކުރާ މީހުން އިތުރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ގިނަ މީހުންނަކީ މިފަދަ ކޮންމެވެސް ބަލި މީހެއް. މިއީ ބަލީގެ ނުރައްކާ ބޮޑު ކެޓަގަރީއެއް. މިނިސްބަތް އިތުރުވެ ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގައިވެސް ގައިންގަޔަށް ނާރާ ބަލިތައް އެންމެ ގިނަ އެއް ޤައުމުގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން ކޯވިޑް-19ގެ ނުރައްކާ ބޮޑު އާބާދީއެއް ރާއްޖޭގައި އެބައޮތެވެ. ބައްޔާ މެދު ފަރުވާ ކުޑަނުކޮށް ސަމާލުވާން ދިވެހި ތަޖުރިބާކާރުން އިލްތިމާސްކުރައްވަމުންގެންދަވަނީ ބަލީގެ ނުރައްކާ ރާއްޖެއަށް އެތައް ގޮތަކުން ބޮޑުވީމައެވެ.