ޚަބަރު

ކޯވިޑް-19 : ފުރަތަމަ ކޭސް ފެނުނުތާ 6 މަސް، ކޮންމެ 60 މީހަކުން އެކަކަށް ބަލިޖެހިއްޖެ


ރާއްޖޭގައި ކޯވިޑް-19ގެ ކޭހެއް އެންމެ ފުރަތަމަ ފެނުނީ މިއަހަރުގެ މާޗްމަހުގެ ހަތްވަނަ ދުވަހުގައެވެ. އޭގެ ފަހުން މިއަދަށް މިވަނީ ހަމަސް ދުވަސްވެފައެވެ. ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ
މަސައްކަތްތުގައި ވޭތުވެދިޔަ ހަ މަސްދުވަހުގެތެރޭ ރާއްޖެވަނީ އެކި ހަރުފަތްތައް ގިރާކޮށްފައެވެ.

ބިރުވެރިކަމުގެ އެތައް އިންޒާރެއް އަޅުގަނޑުމެންނާހަމައަށް އަތުވެއްޖެއެވެ. އުންމީދުން ފުރިގެންވާ އެތައް ވާހަކަތަކަކާއި އިލްތިމާސާއި އާދޭހުގެ އެތައް ވާހަކަތަކެއްވެސް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ އިވިގެން ގޮސްފައެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެންފެށިތާ 6 މަސްދުވަސް ވީއިރު ރާއްޖޭގައި މިވަގުތު މިބަލީގެ ޝިކާރައަކަށްވެފައިވާ 8500 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީގެ ނިސްބަތުން ބަލާއިރު، ކޮންމެ 60 މީހަކުން އެކަކަށް އެވަނީ ބަލިޖެހިފައެވެ.

މިބަލިޖެހި ބަލިން މުޅިން ރަނގަޅުވެފައިވާ މީހުންވެސް ރާއްޖޭގައި މަދެއް ނޫނެވެ. އެގޮތުން މިހާތަނަށް އައިއިރު ގާތްގަނޑަކަށް ހަ ހާސް މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މިބަލީގައި ރާއްޖެއިން 29 މީހަކުވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19އާ ގުޅިގެން ޢިއުލާންކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު މިވީ ހަ މަސްދުވަހުގެ ތެރޭގައި 7 ފަހަރު އިތުރުކޮށްފައިވެއެވެ. ބައްޔާ ދެކޮޅަށް ކުރީ ސަފުގައި ޙަރަކާތްތެރިވަމުން އަންނަ އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވްވެ ސިއްޙީ ޚިދުމަތްތެރިން ހާސްކަމުގެތެރެއަށް ހިނގައިދާނެކަމުގެ ބިރުވެސް ހީވެއެވެ.

އެހެންނަމަވެސް ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ވެރިރަށް މާލޭގައި މިދިޔަ މަހުންފެށިގެން ޤާއިމުކޮށްފައި ކާފިއުއާ ގުޅިގެން ބަލިޖެހޭ މީހުންގެ ޢަދަދަށް ބޮޑު ބަދަލެއް އަންނާނެކަމަށްވަނީ ބެލެވިފައެވެ. ރާއްޖޭގައި ކޯވިޑް-19 ޙާލަތު ވަޒަންކުރައްވަމުންގެންދަވާ ތަޖުރިބާކާރު ޑރ.ޝީނާ މޫސާ ވިދަޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު މާލެ ސަރަޙައްދުގައި މިމަހުގެ ފަހުކޮޅުން ފެށިގެން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވާން ފަށާނެކަމަށް އުންމީދުކުރެވޭކަމަށެވެ.

މާލޭގައި ކޭސްތައް މަދުވުމުގެ އުންމީދު އޮތްއިރު ރާއްޖޭގެ ބައެއް ރަށްރަށުން ކޭސްތައް ފެންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން އަތޮޅުތެރޭގައި ބަލި ކޮންޓްރޯލް ވުމުގެ ފުރުސަތު ބޮޑުނަމަވެސް ފެތުރިގެންދާ ޙާލަތުގައި ގިނަބަޔަކަށް ފަރުވާދެވޭނެ އެންމެ ރަނގަޅު ވަސީލަތްތަކެއް ނެތެވެ. މިއާއެކު އެޗްޕީއޭއިންވަނީ ރަށްރަށުގައިވެސް ބޭރުތެރޭ އުޅޭއިރު ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދުތަކެއް ޢާއްމުކޮށްފައެވެ. މިވަގުތު ރާއްޖޭގެ 35 ރަށެއްގައި މިބަލި ޖެހިފައިވާ މީހުން އެބަތިއްބެވެ.

ރާއްޖޭގައި ބަލި ފެނުނުފަހުން ވީ 6 މަސްދުވަހުގެ ތެރޭގައި އިގްތިޞާދީ އެތައް ގޮންޖެހުމަކާވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް މިޙާލަތުން އަރައިގަނެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް މިވީ ހަމަސްދުވަހުގެ ތެރޭގައި ސަރުކާރުންވަނީ އެއް ހާސް ދުއިސައްތަ ދިހަ މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މީގެ އިތުރުން އިޤްތިޞާދު އަލުންކޮޅަށް ޖެހުމަށް އެކި ގޮތްގޮތުންވަނީ ނުވަސަތޭކަ އަށްޑިހަ ހަތަރެއް ޕޮއިންޓް އަށެއް މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ކޯވިޑް-19އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިޞާދަށް ބޮޑު ލޮޅުމެއްވަނީ އަރާފައެވެ. ރާއްޖެ ފަދަ ކުޑަ ޤައުމަކަށް މިއީ އުފުލޭވަރަށްވުރެ ބޮޑު ބުރައެކެވެ. އެހެންނަމަވެސް ބައިނަލްއަޤުވާމީ އެހީތެރިކަމާއި ދިވެހިންގެ އެއްބަޔަކު އަނެއްބަޔަކަށް ގުޅިގެން ސަރުކާރާއެކު އަންނަނީ މިބަލީގެ ނުރައްކާ ކުޑަކޮށް އިޤްތިޞާދީ ގެއްލުން ފޫބެއްދުމަށް މަސައްކަތްކުރަމުންނެވެ.

އެހެންނަމަވެސް އަދިވެސް ގަދައީ ކޯވިޑް-19ގެ ނުރައްކަލުގެ އިންޒާރުގެ އަޑެވެ. މިއަޑަށް ސަމާލުވެ ޑޮކްޓަރުން ދެއްވާ އިރުޝާދުތަކަށް ސަމާލުވުން ކޮންމެހެން ލާޒިމެވެ.