ވިޔަފާރި

އެމްއެސްއެސްއިން މުދާ އުފުލާ ބޯޓެއް ހޯދަނީ


މޯލްޑިވްސް ސްޓޭޓް ޝިިޕިން، އެމްއެސްއެސްއިން ޝިޕިން ވިޔަފާރި ފަށަން ކުއްޔަށް ގެނައި ބޯޓު ބޭނުން ކުރުމުގެ މުއްދަތު ހަމަވާތީ އެހެން ބޯޓެއް ހޯދަން އަލުން ބީލަމަށް ހުޅުވާލައިފިއެވެ.

އެސްޓީއޯގެ ޝިޕިން ކުންފުނި އެމްއެސްއެސްއިން ނެރެފައިވާ އިއުލާނެއްގައި ބުނީ ޚާއްސަ ސިފަތަކެއް ހުންނަންޖެހޭ މިބޯޓު ހޯދަނީ 6 މަސް ދުވަހުގެ މުއްދަތަށްކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 9 ޖެހުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެމްއެސްއެސްއިން އެދެއެވެ. އަދި 17 ސެޕްޓެމްބަރުގެ ހަވީރު 5 ޖެހުމުގެކުރިން މިކަމަށް ރަޖިސްޓްރީކުރާ ފަރާތްތަކުން މިކަމަށް ބިޑް ހުށަހަޅަންޖެހޭކަމަށް އެމްއެސްއެސްއިން ބުނެއެވެ.

އެމްއެސްއެސްގެ ޚިދުމަތް ފެށިއިރު، އެކުންފުނިން ފުރަތަމަ ފޯރުކޮށްދީފައިވަނީ ޗާޓަރު ލައިންގެ ހިދުމަތެވެ. އެ ކުންފުނީގެ ބޯޓުން ފުރަތަމަ ރާއްޖެ ގެނެސްފައިވަނީ ފިޔާ، އަލުވި އަދި ބިހާއި ބޭހުގެ ސާމާނެވެ. ނަމަވެސް މިހާރު އެ ކުންފުނިން ދަނީ ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ކުންފުނި، މާސްކްގެ ކޮންޓެއިނާތައް ރާއްޖެ ގެނެސްދެމުންނެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ނުވަދިހަ ނުވައެއް ޕޮއިންޓު ނުވައެއް ނުވައެއް އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސުމެއް ޕޮއިންޓު ސުމެއް އެކެއް އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.