ޚަބަރު

ޤައުމަށް އެނބުރިދާން އެދިފައިވާ ބިދޭސީންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް އޮތްތޯ ބަލަނީ


އަމިއްލައަށް ބޭނުންވެގެން ގައުމަށް ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީންގެ އަތުގައި ސައްޙަ އެމްޕްލޯއިމަންޓް އެޕްރޫވަލް އޮތްތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ކުރައްވާފައިވާ އިޢުލާންގައި ވަނީ ސައްޙަ އެމްޕްލޯޢިމެންޓް އެޕްރޫވަލްއެއް ނެތި، ޤަވާއިދާ ޚިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީންގެ ތެރެއިން ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް ހިންގާ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ސައްޙަ އެމްޕްލޯއިމަންޓް އެޕްރޫވަލްގައި ތިބި ގިނަ ބިދޭސީން ހުށަހަޅަމުން ދާކަން ފާހަގަކޮށްފައެވެ. އަދި މިފަރާތްތަކުން ގައުމަށް ދިޔުމަށް ސައްޙަ އެމްޕްލޯއިމަންޓް އެޕްރޫވަލް ހުށަހެޅި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކޮށްފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުން ނޫންކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ.

މިނިސްޓްރީން ވަނީ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީންނާ ބެހޭ މައުލޫމާތު އާންމުކޮށްފައެވެ.

މިނިސްޓްރީން އާންމުކުރި ލިސްޓްގައި ހިމެނޭ ބިދޭސީންނަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތައް ނަމަ އެކަން ބަޔާންކޮށް 15 ސެޕްޓެމްބަރުގެ ކުރިން [email protected] އަށް އީމެލް މެދުވެރިކޮށް އެކަން ހިއްސާކުރުމަށް އެ މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ. މިގޮތުން ފޮނުވާ އީމެއިލްގައި ބިދޭސީ މީހާގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި، ވަޒީފާ ދޭ ފަރާތުގެ މައުލޫމާތު ހިމެނުމަށް މިނިސްޓްރީއިން ވަނީ އެދިވަޑައިގެންފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި މުއްދަތުގައި މިނިސްޓްރީއަށް މައުލޫމާތު ހިއްސާ ނުކުރާ މީހުންގެ ތެރެއިން ލިސްޓްގައި ހިމެނޭ ބިދޭސީން ގައުމަށް އެނބުރި ފޮނުވައި ލެވޭނެ ކަމަށެވެ.

"ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމަކީ ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ރާއްޖޭގައި ތާށިވެފައިތިބި ބަންގްލަދޭޝްގެ ރައްޔިތުން ގައުމަށް އެނބުރި ދިޔުމަށް ހިންގާ ޕްރޮގްރާމެކެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި މީހުން ފޮނުވާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަހަރުގެ ތެރޭގައި ވިހިހާސް ބިދޭސީން ފޮނުވާލުމަކީ ސަރުކާރުގެ އަމާޒެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އާބާދީ އިތުރުވެ އިޖުތިމާޢީ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޙައްގުތައް ރައްކާތެރިކޮށްދީ އެމީހުންގެ ފަރާތުން އުފެދެމުން އަންނަ އިޖުތިމާޢި މައްސަލަތައް ކުޑަކުރުމަށް ބިދޭސީ މަސައްކަތްތެރިންނާ ބެހޭ ޚާއްސަ ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.