ކުޅިވަރު

ޓީޓީއޭއެމްގެ މައްސަލާގައި ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި


ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ މައްސަލާގައި ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޒުވާން ޓީޓީ ޓީމުން މިދިޔަ އަހަރު ގައުމަށް ރަން ވަނަތަކެއް ހޯދައިދީފައި ވާއިރު، އިންޓަނޭޝަނަލް ޓެބަލް ޓެނިސް ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑް ކޮށްފާނެކަމުގެ އިންޒާރުގެ ކޮޕީއެއް މިނިސްޓަރަށް ލިބިފައިވާ ކަމަށެވެ. މަހުލޫފް ވިދާޅުވީ ސަރުކާރާއި މަޖިލީހާއި ކޯޓުތަކުން ކުޅިވަރުގެ ތެރެއަށް ވަންނަނަމަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ސިވިލްކޯޓަށް ހުށަހަޅާފައިވާ ޓީޓީއޭއެމްގެ މައްސަލައަކީ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބަކީ، ކޮމިޝަނާ އޮފް ސްޕޯޓްސްއާ ކުޅިވަރާބެހޭ ގައުމީ މަޖިލީހާ އެކުގައިވެސް މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ޓީޓީއޭއެމްގެ އިންތިޚާބު ބޭއްވިދާނެކަމަށް ގަބޫލުނުކުރެވޭކަމަށްބުނެ އިންތިޚާބުގައި ފަރުދީ މެމްބަރ ރިޕްރެޒެންޓޭޓިވްގެ މަގާމަށް ވާދަކުރައްވާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އާއި އެކްސްކޯގެ އިތުރު ދެމެންބަރަކު ހުށަހެޅުއްވި މައްސަލައެކެވެ.

ޓީޓީއޭއެމްގެ އިތުރުން ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭގައި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގިނަ އިންތިޚާބުތަކާއި ދިމާކޮށް މިފަދަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ދާދިފަހުން އެފްއޭއެމްގެ އިންތިޚާބު ކޮމިޝަނާ އޮފް ސްޕޯޓްސްއިން ބަލައިގަތްއިރު، އިންތިޚާބު ބޭއްވުމާއި ހަމައަށްވެސް ފީފާއާއި އޭއެފްސީން އެފްއޭއެމް ސަސްޕެންޑް ކުރާނެކަމަށް އެތައް ފަހަރެއްގެ މަތިން އިންޒާރުދިންކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ. އަނެއްކޮޅުން ވޮލީބޯޅަ އެސޯސިއޭޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތްއިރު، ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާނަމަ އެފްއައިވީބީ އާއި އޭވީސީން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށްވެސް ވީއޭއެމްއިން އޭރު ދިޔައީ ބުނަމުންނެވެ. ނަމަވެސް އެސޯސިއޭޝަން ގާނޫނީ ގޮތުން ހުސްކަމެއްގެ ތެރޭގައި އޮންނަތާ މިހާރު އަހަރަކަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.