ޚަބަރު

ކައިރި މުސްތަޤްބަލެއްގައި ދިވެހި ޕައިލެޓުން ސިފައިންގެ ހެލިކޮޕްޓަރުތައް ދުއްވާނެ - ސިފައިން


ކައިރި މުސްތަޤްބަލެއްގައި ދިވެހި ޕައިލެޓުން ސިފައިންގެ ހެލިކޮޕްޓަރުތައް ދުއްވަން ފަށާނެކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް މިހާތަނަށް އައިރު އެ ޤައުމުގެ ޕައިލެޓުން ދުއްވަނީ ހެލިކޮޕްޓަރު ދުއްވުމަށް ދިވެހި ސިފައިންގެ ތެރެއިން ޕައިލެޓުން އަދި ތަމްރީންކޮށް ނިމިފައި ނުވާތީކަމަށެވެ. އެހެންނަމަވެސް، މި ތަމްރީން ދިނުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާކަން ހާމަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ކައިރި މުސްތަޤްބަލެއްގައި ދިވެހި ޕައިލެޓުން ސިފައިންގެ ހެލިކޮޕްޓަރުތައް ދުއްވަން ފަށާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެއަރ ވިންގް ހިންގުމުގައި ދިވެހި ސިފައިން ބާރުވެރިކުރުމަށް މިވަގުތު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ދިވެހި ޕައިލެޓުންނަށް މި މަސައްކަތް ހަވާލުކުރުމުގައި އިތުރު ހުރަސްތައް ހުރިކަން ފާހަގަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް ވަނީ މި ޕައިލެޓުންނަށް މުސާރަ ކަނޑައެޅުމުގައި ހުރި ހުރަސްތައް ފާހަގަކުރައްވާފައެވެ. އެގޮތުން ޤަވާއިދުގެ ދަށުން ޕައިލެޓުންނާއި ކެޕްޓަނުންނަށް ބޮޑު މުސާރައެއް ދޭން ޖެހޭއިރު ޑޮކްޓަރުންނާއި އިންޖިނިއަރުންފަދަ މުހިންމު އެހެން ވަޒީފާތަކަށްވެސް އެވަރު އާމްދަނީ ލިބޭނެ އިންތިޒާމު ނެތްކަން ފާހަގަކުރެއްވިއެވެ.

"އެންމެ ފުރަތަމަ އެއްބަސްވުން އެކުލަވާލީ ހުރަވީ އެއްބަސްވުމާއި އެއްގޮތަށް. އެހެންނަމަވެސް ފަހުން ނިންމީ ޓްރާންސްފަރކުރާ ގޮތަށް ހަމަޖައްސަން. އެއީ ތަމްރީން ބޭނުންވާތީ މިކޭސްގައި. ތަމްރީންކުރެވުނުހާ އަވަހަށް އެ ޕައިލެޓުން ފެންނާނެ އިނގޭތޯ" ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ހެލިކޮޕްޓަރުތައް ދުއްވުމުގެ ތަމްރީން ދިނުމުގެ އިތުރުން އިންޑިއާއިން ހަދިޔާކުރި ކެރިއަރތަކުގެ މެއިންޓެނެސްސާއި ސްޕެއަރ ޕާޓްސް އިންޑިއާއިން ފޯރުކޮށްދޭކަން އެމްއެންޑީއެފުންވަނީ ހާމަކޮށްފައެވެ.

ކައިރި މުސްތަޤްބަލެއްގައި ދިވެހި ޕައިލެޓުން ސިފައިންގެ ހެލިކޕްޓަރުތައް ދުއްވަން ފަށާނެކަން ހާމަކޮށްފައިވާއިރު، ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި އެމްއެންޑީއެފްއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހި ސިފައިންދަނީ މޯލްޑިވިއަންގެ ކެރިއަރތައް ދުއްވުމުގެ އަމަލީ ތަޖުރިބާ ލިބިގަންނަމުންނެވެ.