ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، އޮރެންޖް އެލަރޓް ނެރެފި


ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، މޫސުމާބެހޭ ޤައުމީ އިދާރާއިން އޮރެންޖް އެލަރޓް ނެރެފިއެވެ.

އޮރެންޖް އެލަރޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ނެރުނު އޮރަންޖް އެލަރޓުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ގަޑިއަކު 34 މޭލާއި، 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ވަރަށް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އޮރެންޖު އެލަރޓް ނެރެފައިވަނީ މިރޭ 22:00 އިން ފެށިގެން ދަންވަރު 02:30 ގެ ނިޔަލަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭއިރު، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެތީވެ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މުހިންމެވެ.