ޚަބަރު

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލަރޓް ނެރެފި


ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފިއެވެ.

ޔެލޯ އެލަރޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ނެރުނު ޔެލޯ އެލަރޓުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. މި އެ އެލަރޓް ނެރެފައިވަނީ މިއަދުގެ ހަވީރު 4:15 އިން ފެށިގެން ރޭގަނޑު 8 ޖެހުމާހަމައަށެވެ.

މީގެ އިތުރުން ނ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެ ސަރަޙައްދުގެ ރަށްތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލަރޓްވެސް ނެރެފައެވެ. އެ ސަރަޙައްދުގެ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި ރަޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެކަމަށެވެ. އަދި ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެތީވެ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.