ޚަބަރު

އެޗްޑީއެފްސީއިން ލޯނު ނަގާ ފަރާތްތަކަށް އިންޝުއަރެންސް ސްކީމެއް


ހައުސިނގް ޑިވެލޮޕްމަންޓް އެންޑް ފައިނޭސް ކޯރޕަރޭޝަން، އެޗް.ޑީ.އެފް.ސީއިން ލޯނު ނަންގަވާ ފަރާތްތަކަށް އިންޝުއަރެންސް ކަވަރޭޖް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެލައިޑް އިންޝުއަރެންސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަމީލްއެވެ. އަދި އެޗް.ޑީ.އެފް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޕްރިޔަންކާ ބައްޑެވިތާއެވެ.މިއަދު ސޮއިކުރެވުނު މި އެއްބަސްވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރ، އަހުމަދު އަމީލް ވިދާޅުވީ، އެޗް.ޑީ.އެސް.ސީއާއެކު ވެވުނު ގްރޫޕް ކަވަރޭޖް އިންޝުއަރެންސްގެ ދަށުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާއްމު ފަރުދުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެވިގެންދާނެކަމަށް އަމީލް ވިދާޅުވިއެވެ.އެޗް.ޑީ.އެފް.ސީގެ ފަރާތުން ވާހަކަދައްކަވަމުން އެކުންފުނީގެ ސީނިއަރ މެނޭޖަރ ބިޒްނަސް އެންޑް އޮޕަރޭޝަންސް، މުހައްމަދު ޝަފީޤު ވިދާޅުވީ، ހައުސިން ސްކީމްފަދަ ލޯނުތަކަކީ، ރައްޔިތުން ވަރަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހޭ ލޯނު ސްކީމްތަކެއް ކަމުން، ދިމާވެދާނެ ގުދުރަތީ ހާދިސާއަކުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ ފައިސާ އަނބުރާ ދައްކަން ދަތިވެއްޖެހާލަތެއްގައި މިފަދަ އިންޝުއަރެންސް ސްކީމެއްގެ މެދުވެރިކޮށް އެފައިސާ ދެއްކުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.މި ސްކީމާއި ބެހޭގޮތުން މައުލޫމާތުދީ، ރައްޔިތުން އިތުރަށް މިފަދަ ކަންކަމަށް ހޭލުންތެރިކުރުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް އެލައިޑް އިންޝުއަރެންސުން މައުލޫމާތުދެއެވެ.