ޚަބަރު

ކޯވިޑް-19 : ރާއްޖެއަށް އެތެރެވުމުގެ ކުރިން ޕީސީއާރް ޓެސްޓް ހެދުން މަޖުބޫރުކޮށްފި


ރާއްޖެއަށް އެތެރެވުމުގެ ކުރިން ޕީސީއާރް ޓެސްޓް ހެދުން މަޖުބޫރުކޮށްފިއެވެ. ޓުއަރިޒަމް މިނިސްޓްރީއިން ވިދާޅުވީ ސެޕްޓެމްބަރ މަހުގެ 10 ދުވަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ކުރު ދަތުރުތަކުގައި އަންނަ ހުރިހާ ފަރާތްތަކުންވެސް ރާއްޖެއަށް އެތެރެވެވޭނީ ޕީސީއާރް ޓެސްޓް ނެގެޓިވްވުމުންކަމަށެވެ. މިފަދަ ފިޔަވަޅެއް އެޅީ ރާއްޖޭގައި މި ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާއިރު ރާއްޖެއަކީ ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލެއްކަން ކަށަވަރުކުރުމައްޓަކައިކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ޓުވީޓް

ރާއްޖެއަށް އެތެރެވުމަށް ޕީސީއާރް ޓެސްޓް ހެދުން މަޖުބޫރުކޮށްފައިވާއިރު، މިހާރު ރާއްޖެއިން މި ޓެސްޓްކުރެވޭނެ ގޮތް އެކި މަރުކަޒުތަކުގައިވެސް ވަނީ ހަމަޖައްސާފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވަނީ ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި، އެތަންތަނުން ޓެސްޓް ހަދައިދޭ އަގުތައް މިދިޔަ މަހުގެ 14 ވަނަ ދުވަހު އާއްމުކުރައްވާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ 3 ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ.

ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ :
- އައި.ޖީ.އެމް.އެޗް : ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1534ރ
- އޭ.ޑީ.ކޭ ހޮސްޕިޓަލް : ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1500ރ
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް : ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1534ރ
- އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް - ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1534ރ
- ފުލުހުންގެ ލެބޯޓްރީ

އެޗް.ޕީ.އޭއިން ވިދާޅުވީ، ފަތުރުވެރިން ކޯވިޑް-19ގެ ޓެސްޓް ހެދުމަށްޓަކާ މިއިން ހޮސްޕިޓަލަކަށް ދިއުމުގެ އެންމެ ލަސްވެގެން 48 ގަޑިއިރުކުރިން އެ ފަތުރުވެރިއެއްގެ ސާމްޕަލް ފޮނުވަންވާނެކަމަށާއި، އަވަހަށް ސާމްޕަލްތަކުގެ ނަތީޖާ ލިބޭނީ އެ އުޞޫލުން ޢަމަލުކޮށްގެން ކަމަށެވެ. އަދި ޓެސްޓް ހެދުމަށްޓަކާ އެ ފަތުރުވެރިއެއްގެ ޓްރެވަލް އިނިޝިއަރީ ޑޮކިއުމަންޓްގެ ކޮޕީއަކާއި، ޕާސްޕޯޓުގެ ކޮޕީއަކާއި، ގުޅޭނެ ނަންބަރަކާއި ހުރި ސަރަޙައްދެއްގެ މަޢުލޫމާތު ހުށަހަޅަންޖެހޭނެކަމަށް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ގާތްގަނޑަކަށް 3 މަސް ދުވަހަށް ބަންދުކުރުމަށްފަހު، އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.

ފަތުރުވެރިންނަށް ކޯވިޑް-19އަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ތަނެއްގައި ހަމަޖައްސާފައިވާއިރު، ސަފާރީ ބޯޓުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހުޅުމާލޭ ފެރީ ޓަރމިނަލް ހިމެނޭ ސަރަހައްދުގައި ވަނީ ހަމަޖައްސާފައެވެ.