ޚަބަރު

މީޑިއާތައް ގުޅިގެން ކޯވިޑް-19 ހުއްޓުވުމަށް ނުކުމެއްޖެ


ކޯވިޑް19އަށް އާއްމުން ހޭލުންތެރިކުރުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ޚާއްޞަ ކެމްޕެއިނެއް ފަށައިފިއެވެ.

"ކޯވިޑް ހުއްޓުވާނީ އަހަރެން"ގެ ނަމުގައި މީޑިއާތަކުން ފެށި މި ކެމްޕެއިނަކީ އާއްމުން ބައްޔަށް ހޭލުންތެރިކުރުމަށް ބޭނުންވާ މަޢުލޫމާތު ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ފެށި ކެމްޕެއިނެކެވެ.

މި ކެމްޕެއިންގައި ރާއްޖޭގައި ހިންގަމުންދާ ޓީވީ ޗެނަލްތަކާއި، ރޭޑިއޯއާއި، އޮންލައިން ނޫސްތަށް ހިމެނޭހެން 22މީޑިއާއަކުން ބައިވެރިވެއެވެ. މީޑިއާތަކުގެ އަމިއްލަ އިސްނެގުމަށް ކުރިއަށްގެންދާ މި ކެމްޕެއިންގައި އެޗްޕީއޭގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމަށް ކެމްޕެއިންގެ ސްޓިއަރިންގ ކޮމިޓީންވަނީ ވިދާޅުވެފައެވެ.

މި ކެމްޕެއިން ރަސްމީކޮށް އިފްތުތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ. އެމަނިކުފާނު މި ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ކެމްޕެއިނެއް މީިއާއިން އިސްނަގައިގެން ފެއްޓެވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި މިހާތަނަށްވެސް އާއްމުން ބައްޔަށް ހޭލުންތެރިކޮށް، އެކި ދާއިރާތަކުން ބޭނުންވާ މުޙިއްމު މަޢުލޫމާތުތައް ގެނެސްދެމުންދިނުމަށްޓަކައި މީޑިއާތަކުން އަދާކުރަމުންދާ ދައުރު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"މި ފެށުނީ ޤައުމީ ކެމްޕެއިނެއް. މި ކެމްޕެއިނަށް ހުރިހާ ރައްޔިތުން އެއްބާރުލުންދިނުން ވަރަށް ބޮޑަށް އެދެން. މިފަދަ ކެމްޕެއިނެއް ފެށީތީ މީޑިއާތަކަށް ޝުކުރު ދަންނަވަން." ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

"ކޯވިޑް ހުއްޓުވާނީ އަހަރެން" މި ކެމްޕެއިންގެ ޝިއާރުގައިގާވާފައިދައިން، ކެމްޕެއިންގައި އެންމެ ބޮޑު އިސްކަމެއްދޭނީ ބަލި ކޮންޓްރޯލްކުރުމުގައި ފަރުދީ ޒިންމާގެ މުހިންމުކަމާއިގުޅޭގޮތުންނެވެ. މި ކެމްޕެއިނާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިންގެ ސްޓިއަރިންގ ކޮމިޓީން ވިދާޅުވީ މި ކެމްޕެއިންގައި، ޓީވީ ކޮންޓެންޓްތަކާއި، އޮންލައި ންކޮންޓެންޓްތައް ހިމެނޭހެން ސިއްޙީ ދާއިރާގެ އިތުރަށް، ކޯވިޑާއި ގުޅިގެން އަސަރުކޮށްފައިވާ ހުރިހާ ދާއިރާތަކަކާއި ގުޅޭ މަޢުލޫމާތު ގެނެސްދޭނެކަމަށެވެ.

"އެކި ދާއިރާތަކުން ހޭލުންތެރި ކުރުމަށް މަޢުލޫމާތު ގެނެސްދޭނަން. ސޯޝަލް މީޑިއާގައިވެސް ހޭލުންތެރިކަން އިތުރުކުރާނަން. ވީޑިއޯއާއި ލިޔުމުންވެސް ފުޅާ ދާއިރާއެއްގައި މެސެޖުތަށް ގެނެސްދޭނަން." ސްޓީއަރިންގ ކޮމިޓީގެ ފަރާތުން ފަރާތުން މަޢުލޫމާތުދީފައިވެއެވެ.

މިއީ މިހާ ގިނަ މީޑިއާތަށް ގުޅިގެން މިހާ ބޮޑުކޮށް ރާއްޖޭގައި ފެށި ފުރަތަމަ ކެމްޕެއިންއެވެ. އަދި މި ކެމްޕެއިނަކީ ވަކި މުއްދަތެއް ނެތްގޮތަށް ކުރިއަށްގެންދާ ކެމްޕެއިނެއްކަމަށް ސްޓިއަރިންގ ކޮމިޓީންވަނީ ބުނެފައެވެ.