ޚަބަރު

ކޯވިޑް-19 : ޤަވާއިދާ ޚިލާފުވުމުން ހަރުކުރާ ނޯޓިސް ނައްޓާލާނަމަ 5 ދުވަހަށް އެތަނެއް ބަންދުކުރަނީ


ޤަވާއިދާ ޚިލާފުވާ ކެފޭ ފަދަ ތަންތަން ބަންދުކުރުމަށްފަހު އެތަންތަނުގެ ބޭރުގައި ހަރުކުރާ ނޯޓިސް ނައްޓާލައި ޚިދުމަތްދޭނަމަ އިތުރު އެންގުމަކާއި ނުލައި އެފަދަ ތަންތަން 5 ދުވަހަށް ބަންދުކުރާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮޕް ޓްރެފިކް މެނޭޖްމަންޓް ޑިޕަރޓްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ ޤަވާއިދާ ޚިލާފަށް ޚިދުމަތްދޭކަން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ކެފޭ ރެސްޓޯރަންޓްތަކުންކަމަށެވެ. އެގޮތުން މިހާރު ރޭގަނޑު 9:30ގެ ފަހުން ޚިދުމަތްދިނުން މަނާނަމަވެސް، ބަންދުނުކޮށް ޚިދުމަތްދޭކަން ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުން އެތަންތަނަށް ވަދެ އަންގަންދެންވެސް ބައެއް ފަރާތްތަކުން ބަންދުނުކޮށް ތިބޭކަން ފާހަގަވެފައިވާކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

"ފުރަތަމަ ބަންދު ނޯޓިސްދެނީ 1000 ރުފިޔާގެ ޖޫރިމަނާއާއިއެކު 48 ގަޑިއިރަށް. ދެވަނަ ނޯޓިސްގައި 3 ދުވަހަށް ބަންދުކޮށް 1000 ރުފިޔާއިން ޖޫރިމަނާކުރަނީ. ތިންވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކޮށް 5 ދުވަހަށް ބަންދުކުރަނީ." ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ފުރަތަމައަށް ދޭ ނޯޓިސް ނައްޓާލައި ޤަވާއިދާ ޚިލާފަށް ޚިދުމަތްދޭނަމަ، އިތުރު އެންގުމަކާއި ނުލައި 5 ދުވަހަށް ޚިދުމަތް ނުދެވޭގޮތަށް ބަންދުކުރާނެކަމަށެވެ.

މީގެ އިތުރުން ބޭރުގައި އުޅުން މަނާވަގުތުގައި ބޭރުގައި އުޅެގެން ވޭތުވެދިޔަ 9 ދުވަހު 3113 މީހުންނަށް ނަސޭހަތްދީ، 1580 މީހުން ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އިންޖީނުލީ އުޅަނދު ދުއްވުން މަނާވަގުތުގައި ބޭރުގައި އުޅުނު 1095 މީހުންނަށް ނަސޭހަތްދީ، 274 މީހަކު ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. އަދި މާސްނާޅާ ބޭރުގައި އުޅުނު 2901 މީހަކަށް ނަސޭހަތްދީފައިވާއިރު، 1088 މީހުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

ރޭގަނޑު 20:00އިން ފެށިގެން މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ނަމަވެސް ކުއްލި ޙާލަތްތަކުގައި އާއްމުންނަށް ދަތުރުކުރެވޭނެގޮތް ފަހިކޮށްދިނުމަށްޓަކައި 12 ޓެކްސީ ސެންޓަކަށް 15 ފާސް ދޫކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.