ޚަބަރު

ކޯވިޑް-19 : ވިލިނގިއްޔަށް ބަލި މީހާ ނޭރުވި މައްސަލަ ބަލަނީ


ކޯވިޑް-19ގެ ބަލި މީހަކު ގއ.ވިލިގިއްޔަށް އެރުމަށް ހުރަސްއަޅައި ފޮނުވާލި މައްސަލަ ބަލަބަލަމުންދާކަމަށާއި، އެކަމާއި ގުޅިގެން ފިޔަވަޅުއަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ މިކަން ހިނގާދިޔަގޮތާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް އެ ސެންޓަރުން ކުރަމުންދާކަމަށެވެ. މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންދާނެކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ. ގއ.ވިލިނގިލީގައި ހުންނަ ކޯވިޑް-19 ފެސިލިޓީއަށް، އިތުރު ފަރުވާއަށް ގެންދިޔަ ކޯވިޑް-19ގެ ބަލިމީހަކު އެ ރަށަށް އެރުވުމާއި ދެކޮޅަށް އެރަށުގެ މަދު ބަޔަކު ނުކުމެވަނީ ހުރަސްއަޅާފައެވެ. ގއ.ވިލިންގިއްޔަށް ފަރުވާއަށް އެރިޔަނުދީ ފޮނުވާލާފައިވަނީ، ގދ.ތިނަދޫއިން ބައްޔަށް ޕޮސިޓިވްވި އުމުރުން ދުވަސްވީ މީހެކެވެ.

"މިހާރު އަޅުގަނޑުމެން މިދަނީ މިކަން ހިންގައިދިޔަ ގޮތް ބެލުމަށް ރިޕޯޓެއް އެކުލަވާލަމުން. މިކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތަށް އަޅާނަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ރާއްޖޭގެ 5 ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ކޯވިޑް-19 ފެސިލިޓީތަކަކީ، ބައްޔައް ފަރުވާދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކަށް ފެތޭގޮތަށް ހަދާފައިވާ ތަންތަންކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކުގައި ހަދާފައިވާ ފެސިލިޓީތަކަކީ އެހެން ބަލިމީހުންނާއި ވަކިން، އަދި ބަލި މީހުންނަށް ފަރުވާދޭ މީހުންނަށްވެސް މުޅިން ވަކިން ތިބެވޭނެގޮތަށް ހަދާފައިވާ ފެސިލިޓީތަކެއްކަމަށެވެ. އަދި މިފަދަ ފެސިލިޓީތަކަކީ އެތަންތަނުން ބަލި ފެތުރުމުގެ ފުރުޞަތު ނޯންނާނެގޮތަށް ކަންކަން ރާވާފައިވާ ތަންތަންކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ވިލިނގިއްޔަށް ބަލި މީހަކު ގެންދަން އުޅުމުގެ ތެރޭގައި ހިނގާދިޔަފަދަ ޢަމަލުތަކުގެ ސަބަބުން ބަލިމީހާއަށް ޖިސްމާނީގޮތުން ލިބޭ ގެއްލުމުގެ އިތުރަށް، ބަލިމީހާއާއި އާއިލާއަށްވެސް ނަފްސާނީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. ރަށްރަށާއިމެދު އޮންނަ ތަފާތުކުރުމާއި، ނަސްލީ ތަފާތުކުރުންފަދަ ކަންކަމަކީ، މިފަދަ ސިއްޙީ ޙާލަތެއްގައި ބަލައިގަނެވޭނި ޢަމަލުތަކެއް ނޫންކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ކޯވިޑް-19ގެ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް 5 ރަށެއްގެ ހޮސްޕިޓަލްގައިވަނީ ކޯވިޑް-19 މެޑިކަލް ފެސިލިޓީ ޤާއިމުކޮށްފައެވެ.