ޚަބަރު

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝާއެކު މަޝްވަރާކޮށްފި


ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝާއެކު މަޝްވަރާކޮށްފިއެވެ. މިމަޝްވަރާކުރައްވާފައިވަނީ ބަންގްލަދޭޝުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އައު ހައިކޮމިޝަނަރ ރިއަރ އެޑްމިރަލް ނަޒްމުލް ހަސަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށްކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ މިގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އައު ހައިކޮމިޝަނަރގެ ދައުރުގައި މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ޙާލަތާއި، ދެޤައުމުން އިސްކަންދޭ ކަންކަމަށް ރިޢާޔަތްކުރައްވައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. މީގެ އިތުރުން ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހަލުވިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މިހާރުވެސް ރާއްޖެއާއި ބަންގްލަދޭޝް ގުޅިގެން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދެޤައުމު ގުޅިގެން މިގޮތައްތިބި ގިނަ ޢަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ރިޕެޓްރިއޭޝަން ފްލައިޓްތަކުގައި ފޮނުވާލާފައިވާއިރު، ރެގުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ބިދޭސީން ޤަވައިދާ އެއްގޮތައް ފެއްތުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.