ޚަބަރު

ޑރ.މައުސޫމް އަލުން ހުވާކޮށް ރުހުން ދެއްވުން މިއަދު


ޓުއަރިޒަމް މިނިސްޓަރ ޑރ އަބުދުﷲ މައުސޫމް މަޤާމުގެ ހުވާކުރައްވާފައި ވަނީ، ޤާނޫނާއި ޚިލާފަށް ކަމުގައި ރައްޔިތުންގެ މަޖިލީހުން ލަފާދެއްވުމާއި ގުޅިގެން މަޤާމުގެ ހުވާ ޑރ.މައުސޫމް އަލުން ކުރައްވައިފިއެވެ.

ޑރ.މައުސޫމް އަލުން ވަޒީރުކަމުގެ ހުވާކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވިއެވެ. ޑރ.މައުސޫމަށް ވަޒީރު ކަމުގެ ރުހުން ދިނުމަށް އެންމެ ފުރަތަމަ ކޮމިޓީން ނިންމައި މަޖިލީހަށް ފޮނުވި ރިޕޯޓާމެދު ޤާނޫނީ ސުވާލުތަކެއް މެމްބަރުން ވަނީ އުފައްދާފައެވެ.

ޑރ.މައުސޫމަށް އަލުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވަނީ މިއަދުގެ ޖަލްސާގައެވެ. އަދި ކޮމިޓީން މިއަދު މިމައްސަލާގައި ގޮތެއް ނިންމައި ވޯޓް ގަޑީގައި މައުސޫމްއަށް ރުހުން ދިނުމާއި ގުޅޭގޮތުން ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ޑރ.މައުސޫމް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވި އިރު، ވިޔަފާރި ކުންފުންޏަކުން ވަކި ނުވެ ހުންނެވި މައްސަލަ ބޮޑުވެ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ޑރ.މައުސޫމް އަލުން ހުވާކުރަން ލަފާ ދެއްވުމާއި ގުޅިގެންނެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ދާއިރާގެ ބޭފުޅުންވެސް ވަނީ މިމައްސަލާގައި މަޖިލީހުން ރުހުން ދެއްވާއިރު ޑރ.މައުސޫމް ހުވާކޮށްފައި ވަނީ ޤާނޫނު އަސާސީގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަކޮށްގެންތޯ ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ. އަދި މަސްލަހަތު އެކުލެވޭ ކަންކަމާއި، ވިޔަފާރިތަކުގައި ޝާމިލުވާނަމަ ވަޒީރުކަމާއި ހަވާލުވާފަހުން މަޤާމުން އިސްތިއުފާ ދެއްވާނެކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫންކަމުގައި މެމްބަރުން ފާހަގަކުރެއްވިއެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވާކުރެއްވުމާއި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު އެންމެ ފުރަތަމަ ހަވާލު ކުރައްވާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުގެތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމު ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ މި މަޤާމުތަކުން ވަކިކުރައްވާފައެވެ.