ޚަބަރު

ސީއެސްސީއަށް އައްޔަން ކުރުމަށް 4 ބޭފުޅަކަށް މަޖިލީހުން ރުހުންދީފި


ސިވިލް ސަރވިސް ކޮމިޝަނަށް 4 ބޭފުޅަކު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތި ލެއްވި 41 ބޭފުޅުންގެ ތެރެއިން ކޮމިޓީން ޝޯޓް ލިސްޓް ކޮށްފައިވަނީ 13 ބޭފުޅެކެވެ. އެމްޑީޕީން ވަނީ މި 13 ބޭފުޅުންގެ ތެރެއިން 4 ބޭފުޅަކަށް ވޯޓުދިނުމަށް ވިޕްލައިން ނެރެފައެވެ. މަޖިލީހުން މި ބޭފުޅުންނަށް ރުހުން ދެއްވުމާއެކު މިވަގުތު ސީއެސްސީގެ މެމްބަރުންގެ ޢަދަދުވަނީ ހަމަވެފައެވެ.

އެމްޑީޕީން ތްރީލައިން ވިޕް ނެރެފައިވާ ބޭފުޅުންނަށް ވޯޓު ލިބިވަޑައިގެންނެވި ގޮތް

  • ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ، 66 ވޯޓް
  • އިބްރާހިމް ރަޝީދު / ބްލެކް، ރ. މީދޫ، 65 ވޯޓް
  • މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ، 67 ވޯޓް
  • މުޙައްމަދު ފަރުޞަތު / ހ. ޓޫހާޓްސް، 65 ވޯޓް

ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާއި އިންޓަވިއު ކުރުމުގެ މަރުހަލާއަށްފަހު ކޮމިޓީއަށް ފެންނަ އެންމެ ރަނގަޅު ނަންތަކުގެ ގޮތުގައި 13 ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި ނަންތަކުގެ ތެރޭގައި ކޮމިޓީގައި ހިމެނޭ މެމްބަރަކާއި މަސްލަހަތު ފުށޫއަރާ ބޭފުޅަކު ހިމެނުމުން އެމައްސަލަވަނީ މަޖިލީހުގެ އިމްތިޔާޒާއި ސްލޫކް ކޮމިޓީއަށް ފޮނުވާފައެވެ.

އެކޮމިޓީންވެސް ނިންމާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނީ އެކަމުގައި ރަނގަޅަށްކަމަށެވެ. އަދި އެ 13 ނަމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ވަނީ ކަނޑައަޅާފައެވެ. ސީއެސްސީއަށް ކުރިމަތިލާފައިވާ 41 ބޭފުޅުންގެ ތެރެއިން ޝޯޓްލިސްޓު ކުރެވުނު 13 ބޭފުޅުންނާއި ގުޅޭގޮތުން ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮމިޓީން މިހާގިނަ ބޭފުޅުންގެ ނަންތަކެއް ތަޅުމަށް ފޮނުވަން ނިންމާފައިވަނީ މިބޭފުޅުންނަކީ މިމަޤާމަށް ވަރަށް ޤާބިލް ބޭފުޅުންކަން ކޮމިޓީގެ އިންޓަރވިއު މަރުހަލާގައި މެމްބަރުންނަށްވެސް ފާހަގަވުމުންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރަކު ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާ ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. 5 މެންބަރުން ހިމެނޭ ސީއެސްސީގައި މިހާރު އިންނަވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.