ޚަބަރު

އެކަހެރިވުމަށް އަންގާ އަމުރާ ޚިލާފުވާނަމަ 5000 ރުފިޔާއިން ޖޫރިމަނާކުރަނީ


އެކަހެރިކުރުމަށް އަންގާފައިވާ މީހަކު، އޭނާއަށް އަންގާފައިވާ އަމުރާ ޚިލާފުވެއްޖެނަމަ 5000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ "އެކަހެރިކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ޤަވައިދު"އަށް ގެނައި ފުރަތަމަ އިސްލާހުގައެވެ.
ގެޒެޓްކޮށް މިއަދު ޢަމަލުކުރަންފެށި ގަވާއިދުގައި ބުނެފައިވަނީ ކަރަންޓީން ކުރާ މަރުކަޒުތަކާއި އެކަހެރިކޮށް ބަހައްޓާ މަރުކަޒުތައް ކަނޑައެޅުމުން ނުވަތަ އެކަހެރިކޮށްފައި ބަހައްޓައިގެން ފަރުވާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން އެކަމަށް އިޖާބަދޭންޖެހޭނެކަމަށެވެ. އަދި އެކަމަށް އިޙްތިރާމްކޮށް ސިއްޙަތުގެ ނުރައްކާ ކޮންޓްރޯލްކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލި ކޮންޓްރޯލްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ކޮންމެމީހަކުވެސް އެއްބާރުލުންދީ އިޖާބަދޭންޖެހޭނެކަމަށެވެ.

މި ޤަވާއިދުގައިވާގޮތުން އެކަހެރިވުމަށް އެންގުމުން އެކަމާއި ދެކޮޅުހަދާ ހުރަސްއަޅައިފިނަމަ އެއީ ޤާނޫނީ ކުށެކެވެ. މި އަމުރާއި ޚިލާފުވާ ފުރަތަމަ ފަހަރު 2500 ޖޫރިމަނާކުރާނެކަމަށް ޤަވާއިދުގައިވަނީ ބުނެފައެވެ. އަދި ދެވަނަ ފަހަރު 3500ރުފިޔާއިން އަދި އަމުރާ ޚިލާފުވާ ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5000ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ޤަވައިދުގައިވަނީ ބުނެފައެވެ.

މި ޤަވާއިދުގެދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެ ފިޔަވަޅުތަށް ތަންފީޒްކުރުމުގެ ކަންކަން ކުރިއަށްގެންދާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. އަދި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ނުވާ ރަށްތަކުގައި ފިޔަވަޅުތަށް އަޅަމުން ގެންދާނީ ލޯކަލް ކައުންސިލްތަކުންކަމަށް ޤަވާއިދުގައިވަނީ ބުނެފައެވެ.