ހިޔާ ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓްގައި ހިމެނޭ އެހެން މީހުންނަށް ޕޮއިޓްލިބުނު ގޮތްތަކާއިމެދުވެސް ޝަކުވާ ހުށައަޅަންބޭނުންވާނަމަ، އެ ފުރުސަތު ހުޅުވާލާފައިވާކަމަށް ފްލެޓް ކޮމިޓީން ވިދާޅުވެއްޖެއެވެ. ހިޔާ ފްލެޓްގެ ދާއިމީ ލިސްޓަކީ ފުރިހަމަ ލިސްޓަކަށް ހެދުމަށް، ކޮމިޓީން ނެރެފައިވާ ވަގުތީ ލިސްޓުގައި އެއްވެސް މައްލައެއް ފާހަގަވެފައިވާނަމަ އެކަން ހުށައެޅުމަށް ފްލެޓް ކޮމިޓީއިންވަނީ އެދިފައެވެ. ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބުނު މީހުންގެ ދާޢިމީ ލިސްޓް އެކުލަވާލާނީ ހުށައަޅާ ޝަކުވާތަކަށް ބެލުމަށްފަހުގައިކަމަށް ފްލެޓް ކޮމިޓީން ވިދާޅުވެއެވެ.
ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ފްލެޓް ކޮމިޓީއިން އާއްމުކޮށްފައިވަނީ މިމަހުގެ 24ވަނަ ދުވަހުއެވެ. މީގެތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ (H4)، ޓީޗަރުންނަށް ޚާއްސަ ކެޓަގަރީ H5، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ ކެޓަގަރީ (H10) އަދި މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ(H8)އެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރުމަހުގެ 14ވަނަ ދުވަހުގެ 15:00އާއި ހަމައަށެވެ.
ފްލެޓް ކޮމިޓީގެފަރާތުން ނެރުއްވާފައިވާ އެންގުމުގައި ވިދާޅުވެފައިވަނީ، ފުރިހަމަ ދާއިމީ ލިސްޓެއް ހެދުމަށްޓަކައި، މިހާރު އާއްމުކޮށްފައިވާ ވަގުތީ ލިސްޓްތަކުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ވީހާވެސް އަވަހަށް އެންގުމަށެވެ. އެގޮތުން hcp.presidency.gov.mv އަށް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެކަމަށް އެ ކޮމިޓީން ވިދާޅުވެއެވެ.
ފްލެޓް ކޮމިޓީއިން ވިދާޅުވީ ލިސްޓްތަކުގައި ޕޮއިންޓްދީފައިވާ ގޮތާއިމެދު ކޮންމެ މީހަކަށްވެސް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާނެކަމަށެވެ. އެގޮތުން އެހެން މީހަކަށް ޕޮއިންޓް ލިބިފައިވާ ގޮތާއިމެދުވެސް ޝަކުވާ ހުށަހެޅޭނެކަމަށް އެ ކޮމިޓީން ވިދާޅުވެއެވެ.
ފްލެޓް ކޮމިޓީއިން ވިދާޅުވީ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކާއިގުޅޭ ގޮތުން ހުށައަޅާ ކޮންމެ ޝަކުވާއަކަށްވެސް ކޮމިޓީން ބަލާ ދާއިމީ ލިސްޓް އެކުލަވާލުމުގައި ރިއާޔަތް ކުރާނެކަމަށެވެ. އެންމެ ޙައްގުވެރި މީހުންނަށް ފްލެޓް ދިނުމަށް، ލިސްޓް އަލުން މުރާޖާކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި ލިސްޓްތަކަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ކުރިން ފްލެޓް ދިނުމަށް ޕޮއިންޓްދިން އުސޫލުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް ފްލެޓް ކޮމިޓީން ހާމަކޮށްފައިވެއެވެ.