ކޯވިޑް-19އާއި އެކު ރާއްޖޭގެ ސިއްޙީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
އެއާއެކު ރައްޔިތުންގެ އިތުބާރުވެސް މިނިޒާމާއިމެދު ބޮޑުވެފައިވާ މިދަނޑިވަޅުގައި އެ އިތުބާރު ދެމެހެއްޓުމަށް މިހާރުން މިހާރަށް ބޭނުންވަނީ ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއްކަމަށް އަތޮޅުތެރޭގެ ބޮޑެތި ހޮސްޕިޓަލްތަކުން ފާހަގަ ކުރައްވައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވި ބައެއް ހޮސްޕިޓަލްތަކުގެ މެނޭޖަރުން ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން މާލެ ނޫންގޮތެއް އޮތްކަން މިހާރު ރައްޔިތުންނަށް އެނގި އަތޮޅުތެރޭގެ ސިއްޙީ ނިޒާމަށް އިތުބާރުކުރަން ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް މިއާއިއެކު އޮތް އެންމެ ބޮޑު ހުރަހަކީ ރަނގަޅު ދަތުރުފަތުގެ ނިޒާމެއްކަމަށެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ސިއްޙީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އައި އެންމެ ބޮޑު ބަދަލަކީ ގުރޭޓާ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ސިއްޙީ ފަރުވާއަށް މާލެއަށް އައުމުގެ ބަދަލުގައި އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތަށް ބާރުބޮޑުވެ އައި ބަދަލެވެ. މިއާއެކު އެންމެ ބޮޑަށް ބާރު ބޮޑުވި އެއް ހޮސްޕިޓަލަކީ އުތުރުގެ ސިއްޙީ ނިޒާމުގައި ހިމެނޭ މައި ހޮސްޕިޓަލް ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އަޙްމަދު ދާއޫދު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އައި ބަދަލާއެކު އެވްރެޖްކޮށް ހޮސްޕިޓަލަށް ދައްކަން 500 އަށްވުރެ ގިނަ މީހުން އަންނަކަމަށެވެ. މީގެ ކުރިން ހަމައެކަނި ހއ.ހދ އަދި ށ އަތޮޅު ހޮސްޕިޓަލުން ބަލިމީހުން ދައްކަން އައިނަމަވެސް ކޯވިޑާއެކު ރ. ބ. ޅ. އައި މާލެ އަތޮޅުގެ ރަށްރަށުންވެސް ޑޮކްޓަރަށް ދެއްކުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މިހާރު މީހުން އަންނަކަމުގައި ދާއޫދު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވިހާ މީހުންގެ އަދަދުވެސް އިތުރު ވެފައިވާކަން އެހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ. އެގޮތުން މީގެކުރިން މަހެއްގެ މައްޗަށް 30 އާއި 40 ދެމެދުގެ ޢަދަދެއްގެ މީހުން އެހޮސްޕިޓަލްގައި ވިހޭނަމަވެސް އެ ނިސްބަތް މިހާރު މަހެއްގެ މައްޗަށް 55 އާއި 70 ދެމެދުގެ އަދަދަކަށް މަތިވެފައިވާ ކަމަށެވެ. އަތޮޅުތެރޭގެ ގިނަ ހޮސްޕިޓަލްތަކަށް ޚިދުމަތް ދެމުން އަންނައިރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ބަލިމީހުންނަށް ހޮސްޕިޓަލަށް އައުމުގައި ދިމާވާ ދަތިތައްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އެގޮތުން މިވަގުތު އަމިއްލަ ފަރާތްތަކާއި މަޝްވަރާކޮށްގެން އަތޮޅުން ބޭރުން އަންނަ ފަރާތްތަކަށް ފެރީ ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާރު އަމިއްލަ ފަރާތަކާ މަޝްވަރާކުރަމުން މިދަނީ 60 މީހުންގެ ޚާއްސަ ފެރީއެއް ބ.އަތޮޅުން ކުޅުދުއްފުއްޓަށް ބޭއްވުމަށް. މިހާރުވެސް ކާށިދޫ ފެރީއަކުން ކ. ބ. ޅ. ރ އަތޮޅުން މީހުން ގޮވައިގެން ކުޅުދުއްފުއްޓަށް މިހާރު މީހުން އެބައާދޭ. އެހެން ރަށްރަށުންވެސް ފެރީ ގެ ޚިދުމަތް އޮންނަނަމަ މިހާރަށްވުރެ ފަހި ޚިދުމަތެއް ދެވޭނެ" ކުުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އަޙްމަދު ދާއޫދު ވިދާޅުވިއެވެ.
ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަވަމުން ރ. އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް ހުސެއިން ޝިހާމް ވިދާޅުވީ ރަނގަޅު ފެރީ ނިޒާމެއް ނެތުމުގެ ސަބަބުން އެހެން އަތޮޅުތަކުން ރ.އުގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އަންނަ ފަރާތްތަކުން ބޮޑު ހޭދައެއް ކުރަންޖެހޭކަމަށެވެ. އަދި އަތޮޅުތެރޭގައި އަގުހެޔޮކޮށް ދަތުރުކުރެވޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެއްއަތޮޅުން އަނެއް އަތޮޅަށް ދެވޭނެހެން ކަނެކްޓިން ފެރީއެއް މިވަގުތަށްވމުހިއްމުކަމަށެވެ.
"ކަނެކްޓިން ފެރީ ނެތުމުން ބޮޑެތި ހޭދަތަކެއް ކޮށްގެން މިއާދެވެނީ ހޮސްޕިޓަލަށް. ގާތްގަނޑަކަށް މިއަތޮޅުން ބޭރުން އަންނަ މީހުން މިއަންނަނީ ދެކޮޅަށް 800 ވަރަކަށް ރުފިޔާ ޚަރަދުކޮށްގެން. ރައްޔިތުން ތެރޭގައި މިވަރަށް ޚަރަދު ނުކުރެވޭނެ މީހުން ތިބޭނެ. ސިއްޙީ ޚިދުމަތަކީ ބޭސިކް ހިއުމަން ރައިޓަކަށްވީއިރު ރަނގަޅު ފެރީ ނިޒާމަކުން އެބަޖެހޭ އަތޮޅުތައް ގުޅާލަން." ރ. އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް ހުސެއިން ޝިހާމް ވިދާޅުވިއެވެ.
ކޯވިޑް-19އާއި ގުޅިގެން މާލެއަށް އައުން ހުއްޓުމާއެކު ރ.އަތޮޅުގެ އިތުރުން ނ. ބ. އަދި ކ.އަތޮޅުންވެސް ގިނަ ބަޔަކު އުނގޫފާރު ހޮސްޕިޓަލުން އަންނަނީ ޚިދުމަތް ހޯދަމުންނެވެ. މިހާރު އޯޕީޑީއަށް ކުރިއާ ޚިލާފަށް އެވްރެޖްކޮށް 350 އަށްވުރެ ގިނަ ބަލިމީހުން ދައްކަން އަންނަކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ. ޢާއްމުކޮށް އަތޮޅުތެރެއިން އަންނަނީ ދަތުގެ ފަރުވާއަށާއި އެތެރެހަށީގެ ބަލިތަކަށާއި ހަމުގެ ބަލިތަކާއި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަށް ދެއްކުމަށާއި ސްކޭން ކުރުމަށްކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކާއި އެއްވަރަށް އަތޮޅު ހޮސްޕިޓަލްގެ ދަރަޖަ ދެވިފައިވާ ތަންތަނުންވެސް އަންނަނީ ޚިދުމަތްތައް ފުޅާކުރަމުންނެވެ. އެގޮތުން ލެވެލް 2ގައި ހިމެނޭ ފ. އަތޮޅު ނިލަންދޫ ހޮސްޕިޓަލުން ކ. އއ. އދ. އަތޮޅުގެ ރައްޔިތުންނަށް އަންނަނީ ޚިދުމަތް ދެމުންނެވެ. އެހޮސްޕިޓަލުންވެސް ފާހަގަކުރައްވާ ގޮތުގައި ގިނަ ބަޔަކަށް ޚިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ. އެހެންނަމަވެސް މާލެއަށް ނުގޮސް ސިއްޙީ ޚިދުމަތް އަތޮޅުތެރޭގައި ދެވޭނީ ރަނގަޅު ފެރީ ނިޒާމެއް ޤާއިމުކުރެވިގެންކަމަށް އެހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އިބްރާހިމް ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.
"މާލެއަށް ނުގޮސް ސިއްޙީ ޚިދުމަތް ދެވިދާނެކަމުގެ ޔަގީންކަން މިހާރު ލިބިއްޖެ. އިތުރަށް މިކަން ރަނގަޅު ކުރަން ރަނގަޅު ފެރީގެ ނިޒާމެއް ސަރުކާރުން ޤާއިމުކޮށް ދެއްވައިފިނަމަ މިހާރު މިދެވޭ ޚިދުމަތް ހަރުދަނާވެގެންދާނެ." ފ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އިބްރާހިމް ޚަލީލް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ޤާއިމްކޮށް ޚިދުމަތް ދިނުމެވެ. މިކަން ކުރުމަށްޓަކައި ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ނިންމަވައި އެމަސައްކަތްތައް ދަނީ ކުރައްވަމުންނެވެ. މިހޮސްޕިޓަލްތަކުން ކޯވިޑް-19އާއި ގުޅިގެން އަތޮޅުތެރޭގެ ގިނަ ބަޔަކަށް ޚިދުމަތް ދެމުން އަންނައިރު އަތޮޅު ތެރޭގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް މިހާރު ބޭނުންވަނީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއްކަމަށް ހޮސްޕިޓަލްތަކުން ދެކެއެވެ.