ޚަބަރު

އައު އަހަރު ފެށޭއިރު 100 އަށްވުރެ ގިނަ ރިސޯޓު ހުޅުވުމުގެ ހުއްދަ ދެވޭނެ: ޑރ. މައުސޫމް


އައު އަހަރު ފެށޭއިރު 100 އަށްވުރެ ގިނަ ރިސޯޓު ހުޅުވުމުގެ ހުއްދަ ދޭނެކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ ކޯވިޑްއަށް ރިސޯޓްތައް ބަންދުކުރުމަށްފަހު ރިސޯޓްތައް ހުޅުވުމުގެ ލައިސަންސް އަލުން ދެމުން އަންނަނީ ރިޒޯޓުތަކުން އެކަމަށް އެދި ހުށައަޅަމުންދާ ތަރުތީބުން ކަމަށެވެ.

މިނިސްޓރަ ވިދާޅުވީ ރިސޯޓްތައް އަލުން ހުޅުވުމުގެ ހުއްދަ ދިންކަމުގައި ވީނަމަވެސް ރިސޯޓްތަކަށް ރަނގަޅު އާމްދަނީއެއް ލިބުމުގެ ފުރުޞަތު ކުޑަކަމަށެވެ. މިގޮތުން ތަންތަން ހުޅުވިނަމަވެސް އެކަށިގެންވާވަރަށް ފަތުރުވެރިން ނާންނަކަމަށްވާނަމަ، ރިސޯޓް ހިންގަން އުނދަގޫ ވާނެކަމަށާއި ޚަރަދުތައްވެސް ބޮޑުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް ފަތުރުވެރިން އަންނަ އަދަދު އިތުރުކޮށް ފައިދާވާނެ ގޮތެއްގައި ރިޒޯޓުތައް ހިންގުމުގެ މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ހުޅުވާފައިވާ ރިސޯޓްތަކާއި ސަފާރީތަކަށްވެސް އެކަށީގެންވާ ވަރަށް ފަތުރުވެރިން ނާންނަކަމަށާއި އެކަން އެގޮތަށް ދިމާވަނީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް އައިސްފައިވުމުގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބައެއް ރިސޯޓުތައް ހުޅުވާއިރު ގިނަ މުވައްޒަފުންވެސް ނަގަންޖެހޭ. ޚަރަދު ވަރަށް ބޮޑުވާނެ. މި އުއްމީދު ކުރަނީ ދުވާލަކަށް މީހުން އަންނަ ވަރު ރަނގަޅުވާމުންދާނެކަމަށް. މިކަން ރަނގަޅުވުމުގައި ރާއްޖޭގެ ކޯވިޑް-19 ގެ ހާލަތު ބަދަލުވުން ވަރަށް މުހިއްމު." މައުސޫމް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް މުޅިން ހުއްޓި ރިސޯޓްތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި މިދިޔަ ޖުލަމަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވުމުގެ ކުރިން ބައެއް ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި 95 ސަފާރީއެއް މިހާރު އޮޕަރެޓް ކުރަމުން ދިޔަނަމަވެސް ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ އަދި މިހާތަނަށް ދީފައެއް ނުވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނާތީ، ފަތުރުވެރިކަން ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްކަށްވެސް އަންނަނީ އެކަމުގެ ނުރަނގަޅު އަސަރުތައް ފޯރަމުންނެވެ. ނަމަވެސް ސަރުކާރުން ދަނީ އެކަންކަން ހައްލުކޮށް، އިޤްތިޞާދީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.