ޚަބަރު

ދުޅަހެޔޮ ސިއްޙަތުގެ ޙައްޤަށްވުރެ މުހިންމު ޙައްގެއް ނޯންނާނެ - ޑރ.ނަޒްލާ


ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މިޙާލަތުގައި ސިއްޙީ ދުޅަހެޔޮކަމަށްވުރެ އެއްވެސް އެހެން ޙައްޤެއް އިސްވެގެން ނުވާނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކާ، ބައެއް ފަރާތްތަކުން ޚިލާފުވަމުންދާކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވި ޙާލަތަށް ލުއި ދިނުމާ ގުޅިގެ ޕާޓީތަކާއި ސިޔާސީ އެއްވުންތައް ބާއްވައިގެން ކުރިއަށްގެންދާ ޙަރަކާތްތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ކޯވިޑް-19 ބައްޔަކީ ވަކި ބަޔަކަށް ޖެހޭ ބައްޔެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވަނީ ބަލި ޖެހުމުގެ ފުރުސަތު ހުރިހާ އުމުރުފުރާތަކަށް އޮންނަކަން ތަކުރާރުކޮށް ވިދާޅުވެފައެވެ. މިކަމުގެ މަޢުލޫމާތު ނެތް އެއްވެސް މީހެއް މިހާރު ހުންނާނެކަން ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ، ޑރ.ނަޒްލާވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއްވެސް ކަމަކާއި ގުޅިގެން މިޙާލަތުގައި އެއްވުންތަށް ނުބޭއްވުމަށް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.

"އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފުވާތަން ފެނޭ. ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މިޙާލަތުގައި ދުޅަހެޔޮ ސިއްޙަތުގެ ޙައްގަށްވުރެ އެހެން ޙައްގެއް އިސްވެގެން ނުވާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑޮކްޓަރ ނަޒްލާ މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން އެއްވެސް ގައިދުރުކަމެއްނެތި ހުކުރު ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާއާ ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

އިދިކޮޅުގެ މުޒާހަރާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސިއްޙީ ބޭފުޅުންގެ އިލްތިމާސްތައް ބޮލާލައި ނުޖެހުމަށް އެމަނިކުފާނުވަނީ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިންވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން މާނާކޮށްފައެވެ.

ބައެއް ކަލަހަ އެއްވުންތަކާއި ގުޅިގެން ކޭސްތަކުގެ ކްލަސްޓަރތަށް އިތުރުވިކަން މީގެކުރިންވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.