ހއ.މާފިނޮޅުގައި އެޅުމަށް ނިންމި އެއަރޕޯޓްގެ މަސައްކަތް، ހޯރަފުށްޓާއި ގުޅުވާލަން ސަރުކާރުން ނިންމީ ފެހިކަންގަދަ މާފިނޮޅު އެ ގުދުރަތީ ރީތިކަންމަތީ ބޭއްވުމަށެވެ. ހޯރަފުށި އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ 2019ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އެރަށުން ހިއްކާފައިވާ ސަރަޙައްދަށް އިތުރު 16 ހެކްޓަރުގެ ބިން އިތުރުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއާއެވެ.
އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ހަދާ ހޯރަފުށީ އެއަރޕޯޓް މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. ބިންހިއްކުމާއި، ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތުގެ އިތުރަށް، އެއަރޕޯޓް އިމާރާތްތަކުގެ މަސައްކަތްވެސް މިހާރުވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.
ހޯރަފުށީ އެއަރޕޯޓް މަޝްރޫޢުގެ ތެރެއިން އެއަރޕޯޓް ރަންވޭ ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށް މިހާރުދަނީ ކުރަމުންނެވެ. ހޯރަފުށީ އެއަރޕޯޓް ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް 28 އޮގަސްޓްގައި ވަނީ ފަށާފައެވެ.
ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ރާއްޖޭގެ އެންމެ އުތުރަށް އަންނާނެ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުވެސްމެއެވެ. އެންމެ އުތުރުގެ ރައްޔިތުން މިވަގުތު ތިބީ މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި ޚިދުމަތް ފަށާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ، ރައްޔިތުން މި ޚިދުތަށް އެދިއެދިތިބި މިންވަރު މިހާރުވެސް ފެންނަން ފަށާފައިވާކަމަށެވެ. ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފެށުމުގެ އުފަލުގައި ހޯރަފުށި ރައްޔިތުންވަނީ ފަރިވަޅެއް އަރުވާފައެވެ. ދިވެހި ބޮނޑިބަތާއި ކެއުންތައް ހިމެނޭހެން އެރުވި ފަރިކޮޅުގައި، އެއަރޕޯޓް މަސައްކަތް ކުރާ އެމްޓީސީސީއާއި، މަސައްކަތުގައި އެހީތެރިކަންދޭ ހުރިހާ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ. މިއީ ރަށުގެ އެކި އެކި ޖަމިއްޔާތަކާއި ރައްޔިތުން ގުޅިގެން ކުރިއަށްގެންދިޔަ ހަރާކަތެއްކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.
އުތުރުގެ ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ދަތިކަމަކީވެސް ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ނެތުމެވެ. ހއ. ހދ. އަތޮޅުގެ ހުރިހާ ރަށްރަށުންވެސް ވައިގެ ދަތުރުގެ ޚިދުމަތް ހޯދަނީ ހަނިމަދޫ އެއަރޕޯޓުންނެވެ. ނަމަވެސް ހއ.އަތޮޅުގެ އެންމެ އުތުރުގެ ރަށްރަށުން ހަނިމާދުއަށް ދަތުރުކުރުމަށްވެސް ބޮޑު ޚަރަދެއް ކުރެއެވެ.
ރަށު ކައުންސިލްގެ ރައީސް ވިދާޅުވީ ހަނިމާދުއަށް ދިއުމަށްޓަކައި ލޯންޗުގައިކުރާ 45 މިނެޓުގެ ދަތުރަކީ 2500 ރުފިޔާގެ ދަތުރެއްކަމަށެވެ. މިއީ މާލީގޮތުން ބެލިއަސް އަދި ވަގުތަށް ބެލިއަސް ރައްޔިތުން ބޮޑެތި ތަކުލީފުތަކެއް އުފުލާ ކަމެކެވެ.
ހޯރަފުށީ ސަރަޙައްދުގައި މީހުން ދިރިއުޅޭ ގިނަ ރަށްތައް ހުރިއިރު މި ހުރިހާ ރަށްރަށުގެ ރައްޔިތުންވެސްދަނީ، މި އުނދަގޫ ތަޙައްމަލުކުރަމުންނެވެ.
ރާއްޖޭގެ އެންމެ އުތުރަކީ ރާއްޖޭގައި އެންމެ ރިސޯޓްތައްވެސް މަދު ސަރަޙައްދެވެ. އެ ސަރަޙައްދުގައި ވައިގެ ދަތުރުގެ ރަނގަޅު ނިޒާމެއް ނެތުމަކީވެސް އެ ސަރަޙައްދުގައި ފަތުރުވެރިކަން ކުރި ނާރާ އެއް ސަބަބުކަމަށް ސަރަޙައްދުގެ ރައްޔިތުން ދެކެއެވެ. ޚާއްސަކޮށް މިއީ ރަށު ފަތުރުވެރިކަން ކުރިއަރުވަން އޮތް ގޮންޖެހުމެއްވެސްމެއެވެ.
ހޯރަފުށީގައި މިވަގުތު އެއްމެ ގެސްޓްހައުސްއެއް ހިންގަމުން އަންނައިރު، އިތުރު 2 ގެސްޓްހައުސް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލް ރައީސް މުޙައްމަދު ވަހީދު ވިދާޅުވިއެވެ. އެއަރޕޯޓް މަޝްރޫޢުވެގެންދާނީ ރަށަށް އެކިގޮތްގޮތުން އާމްދަނީ ވަންނާނެ، އަދި މުޅި ސަރަޙައްދަށްވެސް އެތައް ގޮތަކުން ތަރައްޤީ އަންނާނެ މަޝްރޫޢެއް ކަމަށް ވިދާޅުވިއެވެ.
ހޯރަފުށީ އެއަރޕޯޓްގައި ހަދަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތް ކުރުމަށްވެސް މިހާރުވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.
އެމްޓީސީސީން ވިދާޅުވީ އަންނަ އޮކްޓޯބަރު މަހަށް އެއަރޕޯޓް މަޝްރޫޢުގެ އުމްރާނީ ތަރައްޤީގެ ހުރިހާ މަސައްކަތެއް ނިންމާނެކަމަށެވެ. ހޯރަފުށި އެއަރޕޯޓްގެ މަސައްކަތް ނިންމައި، ޚިދުމަތް ފަށާނެ ރަސްމީ ތާރީޚެއް ސަރުކާރުން މިހާތަނަށް އިޢުލާންކޮށްފައެއް ނުވެއެވެ.