ޚަބަރު

ޝާހީ ކައިވެނިތަކަށް ބޮޑެތި ޚަރަދުނުކުރުމަށް ރާނީ އެލިޒަބެތަށް ގޮވާލައިފި


ޝާހީ ޢާއިލާއަށް ނިސްބަތްވާ ބޭފުޅުންގެ ކައިވެނި ހަފުލާތަކަށް ރައްޔިތުންގެ ފައިސާއިން ޚަރަދު ނުކުރުމަށް އިނގިރޭސިވިލާތުގެ ޖަމުޢިއްޔާއަކުން ރާނީ އެލިޒަބެތަށް ގޮވާލައިފިއެވެ.

އިނގިރޭސިވިލާތުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމްކުރުމަށް ގޮވާލަމުންދާ ޖަމުޢިއްޔާއެއްކަމަށްވާ ރިޕަބުލިކުގެ ސީއީއޯ ގުރަހަމް ސުމިތު ވިދާޅުވީ ޝާހީ ޢާއިލާއަށް ނިސްބަތްވާ ބޭފުޅުންގެ ކައިވެނި ހަފުލާތައް އަބަދުވެސް ބާއްވަނީ ވަރަށް ކުލަގަދަކޮށް ކަމަށެވެ. އެފަދަ ހަފުލާތަކަށް ރައްޔިތުންގެ ފައިސާއިން ބޮޑެތި ޚަރަދުތައް ކުރަންޖެހޭކަމަށާއި އެއީ ރައްޔިތުން ކަންބޮޑުވާކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތު ދެވަނައިގެ މާމަދަރިކަންބަލުން، ޝާހީ އަމީރާ ބީޓްރިސްވަނީ ކޯވިޑް-19ގެ ސަބަބުން ކުޑަ ހަފުލާއެއްގައި ކައިވެނި ބައްލަވައިގެންފައެވެ. އެކަމަށް އިޝާރާތްކުރައްވާ ސުމިތު ވިދާޅުވީ ޝާހީ ޢާއިލާއަށް ނިސްބަތްވާ ބޭފުޅުންގެ ކައިވެނި ހަފުލާތައް އެފަދަ ގޮތަކަށް ބައްޓަންކުރުމަކީ އެދެވިގެންވާކަމެއްކަމަށެވެ. ޝާހީ ޢާއިލާގެ ބޭފުޅުންގެ ކައިވެނި ހަފުލާތަކަށް ޚަރަދުކުރަނީ ރައްޔިތުންގެ ފައިސާއިންކަމަށާއި ބޮޑެތި ޢަދަދުތަކުން އެ ހަފުލާތަކަށް ޚަރަދުކުރުމަކީ ރައްޔިތުން މާ ބޮޑަށް ގަޔާވާކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢާންމުންގެ ގިނަ މީހުން އެއްވާ ހަފުލާތައް ބޭއްވުމުގެ ސަބަބުން ސަލާމަތީ ކަންކަމާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށް މިލިއަނުން ޚާރަދުކުރަންޖެހޭކަމަށާއި އެފަދަ ބޮޑެތި ހަފުލާތައް ބޭއްވުމަށް ޝާހީ ޢާއިލާއިން އެދޭނަމަ އަމިއްލަ ފައިސާއިން އެކަމަށް ޚަރަދުކުރުން އެންމެ ރަނގަޅުކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންގެ ފައިސާއިން އެފަދަ ބޮޑެތި ޚަރަދު ކޮށްގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހީ އަމީރު ވިލިއަމްއާއި އޭނާގެ ކޮއްކޯފުޅު ހެރީގެ ކައިވެނި ހަފުލާވެސް ބާއްވާފައިވަނީ މާ ކުލަގަދަކޮށްކަމަށްވެސް ސުމިތު ވިދާޅުވިއެވެ. ޝާހީ ޢާއިލާގެ އައު ޖީލުތަކުން ހަފުލާތައް ބޭއްވުމުގައި އެގޮތަށް ޢަމަލުނުކުރައްވާނެކަމަށް ޢުއްމީދުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.