ޚަބަރު

ތިން އަހަރެއްގެ ޖޫރިމަނާ ފައިސާ ނުދައްކައިގެން ޑީއާރުޕީއާއި ދެކޮޅަށް ދައުވާކޮށްފި


ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ތިން އަހަރެއްގެ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކި މައްސަލާގައި ޑީއާރުޕީއާއި ދެކޮޅަށް ދައުވާކުރަން ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ ޑީއާރުޕީއާއި ދެކޮޅަށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ތިން އަހަރެއްގެ އަހަރީ ރިޕޯޓާއި، އޮޑިޓްރިޕޯޓް އިލެކްޝަން ކޮމިޝަނަށް ހުށަނޭޅުމުން ކޮށްފައިވަ ޖޫރިމަނާގެ ފައިސާ ހޯދުމަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ޑީއާރުޕީއަށް ރިޕޯޓްތައް ހުށަހެޅުމަށާއި، ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅައި ޖޫރިމަނާކުރުމުން އެފައިސާ ދެއްކުމަށްވެސް އެންގިފައިވާކަމަށެވެ. އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ޤާނޫނުގެ ތެރެއިން ކަންކަން ކުރުމަށް އަންގާފައިވާކަމަށެވެ. ޚާއްސަކޮށް ކޮންމެ ޕާޓީއަކުންވެސް އެޕާޓީއަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް އޮންނަ މުއްދަތުގެ ތެރޭގައި ހުށަހެޅުމަކީ ޕާތީތަކުން ކުރަންޖެހޭ ކަމެއްކަމަށް އަކްރަމް ވިދާޅުވިއެވެ.

ޑީއާރުޕީން ޤާނޫނުގައި ވާ ގޮތަށް ފައިސާ ނުދައްކާފައިވާ މުއްދަތުގައި އެޕާޓީގެ ހިންގުމާއި ހަވާލުވެ ހުންނެވީ މުހައްމަދު ނަޝީދު (ކާނަލް ނާޝިދު) އެވެ. ޑީއާރުޕީ އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. މިހާރު އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުއެވެ.