ޚަބަރު

ނެޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ފަށައިފި


ނެޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ފަށައިފިއެވެ. ހެލްތް މިނިސްޓްރީން ވިދާޅުވީ މި ޚިދުމަތް ފުރަތަމަ ބޭނުންކުރާނީ ކޯވިޑް-19ގެ ބަލިމީހުން ފަރުވާއަށް ގެންދިއުމަށް ކަންކަމަށެވެ.

އެއްވެސް ފީއަކާ ނުލައި ދޭ ނެޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތަކީ ރާއްޖޭގައި ފެށި މިބާވަތުގެ މިފަދަ ފުރަތަމަ ޚިދުމަތެވެ. މުޅިން އަލަށް ފެށިި ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ، މިފަދަ ޚިދުމަތަކާއެކު ކުއްލި ޙާލަތުގައި ސިއްޙީ އެހީ ފޯރުކޮށްދިނުން ވަރަށް އަވަސްކުރެވޭނެ ކަމަށެވެ. މިކަމުގައި ޢާއްމުންނަށް އެންމެ ބޮޑު ލުޔަކަށް ވެގެންދާނީ، ކޯލް ސެންޓަރަށް ކޯލް އަންނަ ހިސާބުން ފެށިގެން ބަލިމީހާ ހޮސްޕިޓަލަށް ގެންގޮސް ޚިދުމަތް ފެށެންދެން މި ޓީމްގެ މަސައްކަތްތައް ކުރިއަށްދިއުމެވެ. ނާސިރު ވިދާޅުވީ މިވަގުތު މި ޚިދުމަތް ފެށީ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެދަށުން ކޯވިޑް-19ގެ ބަލިމީހުންނަށް ނަމަވެސް، ޚިދުމަށް ފުޅާވެގެން އަންނައިރު މި ޚިދުމަތްވާނީ ގަޢުމީ ޚިދުމަތަކަށްކަމަށެވެ.

ޚިދުމަތް ފެށުމުގެގޮތުން ވަނީ ޑްރިލް ހަރަކާތެއްވެސް ބާއްވާފައެވެ. ޑްރިލްގައި ކޯލް ސެންޓަރަށް އަންނަ ކޯލަކާއި ހަމައިން ބަލިމީހާ ހޮސްޕިޓަލަށް ގެންދިއުމާ ހަމައަށް ޢަމަލުކުރާނެގޮތައްވަނީ ފަރިތަކޮށްފައެވެ. މި ޚިދުމަތުގައި ބައިވެރިވާ ފަރާތްތަކަށް މީގެކުރިންވެސްވަނީ ތަމްރީން ޕޮރޮގްރާމްތަށް ކުރިއަށް ގެންގޮސްފައެވެ.

"މި ޚިދުމަތުގެ ތެރެއަށް ހުރިހާ ހޮސްޕިޓަލްތައް ވަންނާނެ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، އޭޑީކޭ، ޓްރީޓޮޕްވެސް ހިމެނޭ. ހުޅުމާލޭ ހޮސްޕިޓަލްގެ ވަކި ޢިމާރާތެއްގެ ގޮތުގައި ނެޝަނަލް އެމްބިއުލާންސް ސަރވިސް ސެންޓަރ ޤާއިމުކޮށް މިހާރުވެސް ކޯލް ސެންޓަރވަނީ ފަށާފައި. މިހާރު އެޗްއީއޯސީއާއި ގުޅިގެން މަސައްކަތްކުރިނަމަވެސް ފަހުން ވަކި ނަންބަރެއް ތަޢާރަފްކުރާނަން މިޚިދުމަތަށް." އަޙްމަދު ނާސިރު ވިދާޅުވިއެވެ.

މި ޙާލަތުގައި ބޭނުންކުރާ އެމްބިއުލާންތަކަކީވެސް ބަލިމީހާއަށް ވަކި ފަރުވާތަކެއް ދެވޭގޮތަށް ފަރުމާކޮށްފައިވާ ޕެރަމެޑިކް އެމްބިއުލާންސްތަކެވެ. އަދި ކުއްލި ޙާލަތެއް ނަމަ ބަލިމީހާ އޮތްތަނުން ފެށިގެން ފަރުވާގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް އަޙުމަދު ނާސިރުވަނީ ވިދާޅުވެފައެވެ.

މި މަސައްކަތަކީ ހެލްތު މިނިސްޓްރީއާއި، ފުލުހުންނާއި، ދިވެހި ރެޑްކްރަސަންޓާއި އެމްއެންޑީއެފްގެ ފަޔަރއެންޑް ރެސްކިއުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޚިދުމަތެކެވެ.