ދުނިޔޭގެ ވިޔަފާރި

ކޯވިޑްގެ ސަބަބުން އެންމެ ބޮޑު އަސަރެއްކުރީ އިނގިރޭސިވިލާތުގެ އިޤްތިޞާދަށް


ކޯވިޑްގެ ސަބަބުން އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ އިނގިރޭސިވިލާތުގެ އިޤްތިޞާދަށްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އޯގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓްއިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުން އޭޕްރީލްމަހުން ޖޫންމަހުގެ ނިޔަލަށް ކުރިއަށްދިޔަ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އިނގިރޭސިވިލާތުގެ އިޤްތިޞާދަށެވެ. ދިރާސާއިން ދައްކާގޮތުން މިދިޔަ ކުއާޓަރުގައި އިނގިރޭސިވިލާތުގެ އިޤްތިޞާދު ދަށަށް ގޮސްފައިވަނީ ފަހުގެ ތާރީޚެއްގައި ދަށަށް ނުދާ މިންވަރަށެވެ. އެގޮތުން އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި 20.4 އިންސައްތަ މަޑުޖެހިފައިވާއިރު މިއީ އެހެން ޤައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑު މަޑުޖެހުމެކެވެ.

އިނގިރޭސިވިލާތަށްފަހު ދެން އެންމެ ބޮޑަށް އިޤްތިޞާދަށް އަސަރުކޮށްފައިވަނީ ސްޕެއިންއަށެވެ. އެގޮތުން ސްޕެއިންގެ އިޤްތިޞާދު 18.5 އިންސައްތަ ވަނީ މަޑުޖެހިފައެވެ.

އޯގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓްއިން ބުނާގޮތުން ޖީ ސެވަންގެ ޤައުމުތަކަށް ބަލާލާއިރު، އެޤައުމުތަކުގެ އިޤްތިޞާދު ވަނީ 10.9 އިންސައްތަ މަޑުޖެހިފައެވެ. އަދި ޔޫރޯޒޯންގެ އިޤްތިޞާދު ވަނީ 12.1 އިންސައްތަ މަޑުޖެހިފައެވެ.

ޖީ ސެވަންގެ ޤައުމުތަކުގެ ތެރެއިން ފްރާންސްގެ އިޤްތިޞާދު 13.8 އިންސައްތަ ދެވަނަ ކުއާޓަރުގައި ވަނީ މަޑުޖެހިފައެވެ. އަދި އިޓަލީގެ އިޤްތިޞާދު 12.4 އިންސައްތަ، ކެނެޑާގެ އިޤްތިޞާދު 12 އިންސައްތަ އަދި ޖަރުމަންވިލާތުގެ އިޤްތިޞާދު 9.7 އިންސައްތަ ވަނީ މަޑުޖެހިފައެވެ.