ދުނިޔޭގެ ވިޔަފާރި

އެމެރިކަން އެއަރލައިންސްއިން 19 ހާސް މުވައްޒަފުން ވަކިކުރަނީ


އެމެރިކާގެ އެމެރިކަން އެއަރލައިންސްއިން 19 ހާހަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން ޖެހިދާނެކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއަރލައިންކަމަށްވާ، އެމެރިކަން އެއަރލައިންސްއިން ބުނީ ސަރުކާރުން އިތުރު އެހީއެއް ނުލިބޭނަމަ އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 ހާސް މުވައްޒަފުން ވަކިކުރަން އެއަރލައިނަށް މަޖުބޫރުވާނޭކަމަށެވެ.

އެއްލައްކަ ތިރީސް ހާހެއްހާ މުވައްޒަފުން މަސައްކަތްކުރާ އެމެރިކަން އެއަރލައިންސްއިން ބުނާގޮތުން ކޯވިޑްގެ ސަބަބުން ކުރިމަތިވަމުންދާ ގެއްލުމުގެ ސަބަބުން 40 ހާހެއްހާ މުވައްޒަފުން އެއަރލައިނުން ވަކިކުރަންޖެހިދާނެކަމަށެވެ. އަދި ރިޓަޔަރމަންޓް ޕެކޭޖްތަކާއި އެހެނިހެން ޕެކޭޖްތައް ހުށަހަޅައިގެން މިހާރުވެސް 12 ހާހެއްހާ މުވައްޒަފުން ވަކިވާން އެއްބަސްވެފައިވާކަމަށް އެމެރިކަން އެއަރލައިންސްއިން ބުނެއެވެ. އަދި އިތުރު 11 ހާހެއްހާ މުވައްޒަފުންވެސް ވަޒީފާ ދޫކޮށްލުމަށް އެއްބަސްވެފައިވާކަމަށްވެސް އެމެރިކަން އެއަރލައިންސްއިން ބުނެއެވެ.

އެމެރިކަން އެއަރލައިންސްއިން ބުނީ ސަރުކާރުން އިތުރު އެހީއެއް ލިބިއްޖެނަމަ މުވައްޒަފުން ވަކިކުރުން މަޑުޖައްސާލެވިދާނެކަމަށެވެ.

އެމެރިކާގައި އަމަލުކުރާ "ކެއަރސް އެކްޓް"ގެ ދަށުން އެއަރލައިން އިންޑަސްޓްރީއަށް އެހީތެރިވުމަށް 50 ބިލިއަން ޑޮލަރު ވަނީ ހަމަޖައްސާދީފައެވެ. ނަމަވެސް އެޤާނޫނަށް މާޗުމަހު އަމަލުކުރަން ފެށީ ސެޕްޓެމްބަރުމަހު ކޯވިޑްގެ ކަންތައް ހަމައަކަށް އެޅި، އެއަރލައިން އިންޑަސްޓްރީގެ އަލުން ހަރަކާތްތެރިވާން ފަށާނެކަމަށް ބަލައިގަނެވެ. ނަމަވެސް އެކަން އެގޮތަށް ހިނގަމުން ނުދާއިރު، ގިނަ ބަޔަކު ދަނީ ދަތުރުކުރުމާ ދުރުހެލިވަމުންނެވެ. އެކަމުގެ ސަބަބުން އެއަރލައިންތަކަށް ކުރިއަށް އޮތްދުވަސްތަކުގައި އިތުރު ގެއްލުމާ ކުރިމަތިލާންޖެހިދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.