ޚަބަރު

ކުޑަކުދިންގެ ޓީވީ ޕްރޮގްރާމް އުފެއްދުމާބެހޭ ވަރކްޝޮޕެއް ފެށުން


އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން އާއި ނޯވޭގެ ޕަބްލިކް ބްރޯޑްކާސްޓަރ އެން.އާރު.ކޭ އާއި ގުޅިގެން ޕީއެސްއެމުން ކުޑަކުދިންގެ ޓީވީ ޕްރޮގްރާމް އުފެއްދުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ. މިމަސައްކަތު ބައްދަލުވުން ފެށުމަށްޓަކައި މިއަދު ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން  ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ ތަޢުލީމީ ދާއިރާއާށް ޚާއްސަ ޗެނަލަކާއި ޒުވާނުންގެ ޗެނަލެއްގެ އިތުރުން އިންޓަރ ނޭޝަނަލް ޗެނަލެއް ހިމެނޭގޮތަށް އިތުރު ފަސް ޓީވީ ޗެނަލެއްގެ ޚިދުމަތް ޕީއެސްއެމްއިން އަންނަ އަހަރުގެ މޭމަހުގެ ނިޔަލަށް ތަޢާރަފް ކުރައްވާނެ ކަމަށެވެ.  ޚަލީލު ވިދާޅުވީ، ޕީއެސްއެމް ވުޖޫދަށް އައުމަށްފަހު ޓީވީގެ ސްކްރީނަށް މާބޮޑު ބަދަލުތަކެއް ނާންނަ ކަމަށް ބައެއްފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ. ނަމަވެސް ޕީއެސްއެމްގެ މެނޭޖްމެންޓްގެ އަމާޒަކީ އެފަދަ އަވަސް ބަދަލުތަކެއް ގެނައުން ނޫން ކަމަށާއި ކުޅަދާނަ ޢިލްމީ ޤާބިލް ބަޔަކު އުފައްދައި، ދިގުދެމިގެންދާފަދަ ބަދަލު ތަކެއް ގެނަނުން ކަމަށް ޚަލީލު ވިދާޅުވިއެވެ. އެގޮތުން ޕީއެސްއެމްގެ ދަށުން މިހާތަނަށް އުފެދުނު މަޖައްލާއާއި މަޖިލީސް ޓީވީގެ އިތުރުން، ކުރިއަށް އަންނަން ހުރި ޒުވާނުންނާއި ކުޅިވަރުގެ ޗެނަލާއި ތަޢުލީމީ ޗެނަލް ޚަލީލު ފާހަގަ ކުރެއްވިއެވެ. ޕީއެސްއެމްގެ ފަރާތުން ފެށި ވޯކްޝޮޕްގައި މަޢުލޫމާތު ދެއްވާ ކުޑަކުދިންގެ ޓީވީ ޕްރޮގްރާމް އުފެއްދުމުގައި  ނޯވޭގެ ތަޖުރިބާކާރު ކައްލޭ ފުރސްޓް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު ހިދުމަތްދޭ ޓީވީޗެނަލްގެ އަދަދު ގިނަވުމުން ދޭހަވަނީ ރާއްޖެއަކީ ޓީވީ ޗެނަލް ތަކުގެ ނުފޫޒު ގަދަ ޤައުމެއްގެ ގޮތުގައި ކަމަށެވެ. އަދި ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލު ކަމަށްވާއިރު މިފަދަ ޤައުމެއްގައި ކުޑަކުދިންގެ ޓީވީ ޕްރޮގްރާމަކީ މުހިންމު އެއްޗެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިމަހުގެ ދިހަވަނަދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ޕީއެސްއެމްގެ ޓީވީ ޕްރޮޑިއުސަރުންގެ އިތުރުން ބައެއް އަމިއްލަ ޗެނަލްތަކުންވެސް ބައިވެރިވެއެވެ.