ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމަ : ވަރުބަލިވާއިރުވެސް ޑޮކްޓަރުން ޤައުމީ ޚިދުމަތުގައި


ކޯވިޑް-19އަށް ޕޮޒިޓިވްވަމުންދާ މީހުންގެ ޢަދަދު އިތުރުވެ ސިއްޙީ ނިޒާމަށް މިވަނީ ލޯޑު ބޮޑުވެފައެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ކުރީސަފުގައި މަސައްކަތްކުރާ ގިނަބަޔަކު އަންނަނީ ޕޮޒިޓިވްވަމުންނެވެ. ބައްޔާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޑޮކްޓަރުން ވަރުބަލި ވާމުންދާކަން ޑޮކްޓަރުން އަންނަނީ ހާމަކުރަމުންނެވެ. އެހެންނަމަވެސް އަދިވެސް ތިއްބެވީ ޤައުމީ ޚިދުމަތުގައެވެ. ރާއްޖެއަކީ ވަޞީލަތް މަދު ޤައުމެއްކަމަށް ތަކުރާރުކޮށް ބުނެ ޑޮކްޓަރުން ބަލީގެ ކުރީކޮޅު ދެއްކެވި ވާހަކަތައް މިދަނީ ލޯކުރިމަތީ ފެނި ޙަޤީގަތަކަށް ވަމުންނެވެ. މިއީ ރޯގާއެއްނަމަވެސް އާދައިގެ ރޯގާއެއްކަމަށް ނުދެކުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް ޑޮކްޓަރުން ދެއްވަމުންގެންދެވި އިރުޝާދުތައް އަޑު ނޭހިބައެއްގެ ސަބަބުން މުޅި ޤައުމު މިވަނީ ކޯވިޑް-19ގެ އަޑިނޭނގޭ ފުން ވަޅުގަނޑަށް ވެއްޓިފައެވެ.

ޑޮކްޓަރުން ބައްޔާކުރިމަތިލީ ހިތްވަރާއެކު

ކޯވިޑް-19ގެ ފުރަތަމަކޭސް ރާއްޖެއިން ފެނުމުގެ ކުރިން ރާއްޖޭގެ ސިއްޙީ ދާއިރާގެ ބޭފުޅުން ގެންދެވީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ގުޅިގެން މިކަމަށް ތައްޔާރުވުމަށް ބޭނުންވާ އުސޫލުތައް އެކުލަވާލާ ކުރިމަތިވެދާނެ ޙާލަތަށް ތައްޔާރުވަމުންނެވެ. ނުރައްކާތެރި ޙާލަތެއްގައި ކަންތައްކުރާނޭ ގޮތް ލަފާކުރެވޭ އެންމެ ސީދާ ގޮތެއްގެ މަތިން ގެންދެވީ ތަރުތީބުކުރައްވަމުންނެވެ. މުޅި ދުނިޔެއަށް އާކަމަކަށް މިބަލިމަޑުކަންވީއިރު ރާއްޖޭގެ ޒުވާން ސިއްޙީ ނިޒާމަށްވެސް ވީ މިއީ މުޅިން އާތަޖުރިބާތަކަށެވެ. ފަހުގެ ތާރީޚުތަކުގައި ކިޔަވައިގެން ޚިދުމަތުގައި ތިއްބެވި ޑޮކްޓަރުންނަށް ޕެންޑެމިކްއާއި އެޕިޑެމިކް ފަދަ ބަސްތައް ރާއްޖެއާއި ގުޅުވާ ތަސައްވަރުކުރަން ދަތިވެފައިވާކަމަށް ބައެއް ޑޮކްޓަރުން ފާހަގަކުރައްވައެވެ. އެއީ މިޤައުމުގައި މިފަދަ ޙާލަތަކަށް އައިސްދާނެކަމަށް ތަޖުރިބާކުރެވިފައި ނެތީމައެވެ.

ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވާނަމަ ރާއްޖޭގެ ސިއްޙީ ނިޒާމަށް ނުކަތާވަރަށް ގޮސް ފަރުވާދޭން ވީ މީހުން ގުރުއަތުން ނަގަންޖެހޭ ހިސާބަށް ނުގެންދިޔުމަށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޑޮކްޓަރުން ކުރެއްވި އާދޭސް ބައެއް ފަރާތްތަކުން މިއަދަކު ހަނދާން ހުރިތަނެއް ނުފެނެއެވެ. ކޯވިޑް-19އާ ރާއްޖެ ކުރިމަތިލީއިރު ރާއްޖޭގައި މަސައްކަތްކުރައްވަމުންގެންދެވީ 905 ޑޮކްޓަރުންނެވެ. އަދި ޑޮކްޓަރުންނާ އެއްސަފެއްގައި މިހަނގުރާމައިގައި ބައިވެރިވެވަޑައިގަންނަވަނީ 2970 ނަރުހުންނެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ ކޮންމެ އެއްހާސް މީހަކަށް 2 ޑޮކްޓަރުންނާއި ކޮންމެ އެއްހާސް މީހަކަށް 7 ނަރުހުންނެވެ. މިއީ އޭރުގެ ޙާލަތެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި މެޑިސިން ހަދަމުން އަންނަ ދަރިވަރުންނާއި ޑޮކްޓަރުންގެ ތެރެއިން ސްޕެޝަލައިޒްވުމަށް ގޮސްތިބި ޑޮކްޓަރުން ސަރުކާރުންވަނީ ރާއްޖެއަށް ގެނެސްފައެވެ. އެއީ ރާއްޖޭގައި މިނުރައްކާތެރި ޙާލަތުގައި މިބަލިމަޑުކަމާ ދެކޮޅަށް ތެދުވާނެ ޑޮކްޓަރުންގެ ޓީމު ވަރުގަދަ ކުރުމަށެވެ. އެހެންނަމަވެސް އެ ޑޮކްޓަރުންނާއި ޚިދުމަތުގައި ތިބި ނަރުހުން ބައްޔަށް ޕޮޒިޓިވްވުމާއި ޓީމު ކުޑަވުމުން ޑޮކްޓަރުންގެ ޓީމު ބަލިވެދާނެކަމަށް ދުރާލާވަނީ ޢާއްމުންނާ ހަމައަށް އެވާހަކަތައްވެސް ތިލަކޮށްދެއްވާފައެވެ.

ކުރިމަގެއް ނުފެނި ޑޮކްޓަރުންނާއި ނަރުހުން ބަލިވަނީ

މިއަދު މިވަނީ ކޯވިޑް-19ގެ ކޮންޓްރޯލް ޑޮކްޓަރުންގެ އަތްމަތިން ދޫވެގެން ދާން ގާތްވެފައެވެ. ހަނގުރާމާއިގެ ކުރީސަފުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫން ޚިދުމަތްތެރިން ވަރުބަލިވެ ބަލީގެ ޝިކާރައަކަށް ވަނީއެވެ. ކުރިމަތިވެގެން އުޅެނީ ސިއްޙީ ކުއްލި ނުރައްކަލެކެވެ. މިއީ ޓެކްނިކަލް އަދި ވަރަށް ނާޒުކު ދާއިރާއެކެވެ. ކޮންމެ މީހަކަށް މިޙާލަތުގައި މިހަނގުރާމައަށް ނުކުމެވޭކަށް ނެތެވެ. ރާއްޖޭގައި މިހަނގުރާމައާއި ކުރިމަތިލާން ތިބި ޑޮކްޓަރުންގެ ޢަދަދު މަދުކަން އެފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ފާހަގަކުރައްވަމުންނެވެ. އެއީވެސް އިންސާނުންނެވެ. އެއްވެސް އަރާމެއް ނެތި ޑޮކްޓަރުންނާއި ނަރުހުން ތިބީ ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި ރެއާދުވާލު ބަލީގެ އެންމެ ނުރައްކާ ހިސާބުގައި ޚިދުމަތުގައި ސާބިތުވެއެވެ. ބަލީގެ ބިރުވެރިކަން ޢާއްމުންނަށްވުރެ ބޮޑަށް ފެންނަނީ ޑޮކްޓަރުންނާއި ނަރުހުންނަށެވެ. ރާއްޖޭގައި އޮތީ ހަމައެކަނި ކޯވިޑް-19އެއް ނޫނެވެ. އެހެންބަލިތަކަށްވެސް ފަރުވާދޭން ތިބި ހަމަ މިޑޮކްޓަރުންނާއި ނަރުހުންނެވެ.

މިޙާލަތަށް ހިނގައިދާނެކަމުގެ އިންޒާރުކުރިން ދެއްވި

ކޯވިޑް-19އާއި ކުރިމަތިލާން ރާއްޖެއިން ތައްޔާރުވީ ވަޞީލަތް ހުރިހާ ގޮތަކުންވެސް މަދުކަމަށް ދެކިގެންކަމަށްވުމުން މިއީ ސިއްޙީ ތަޖުރިބާކާރުންނާއި ޢާއްމުން ގުޅިގެން ވައިރަހަކާ ދެކޮޅަށް ތެދުވަންޖެހޭ ފަދަ ޙާލަތެކެވެ. ފުރަބަންދުގައި އަބަދަކު ނުބޭއްވޭނެކަން ޤަބޫލުކޮށް ލުއިދެމުން އައީ އެތައް އިރުޝާދުތަކަކާއި އެތައް އާދޭހަކާއެކުގައެވެ. ކޮންމެ ރެއެއްގެ ޕްރެސްގައި ޑޮކްޓަރުން އޮންނަނީ ދެކަމެކެވެ. ޙާލަތު ބަޔާންކޮށް އާދޭސްކުރުމެވެ. މިއީ މިކަން ހިންގަމުން އައިގޮތެވެ. ރާއްޖޭގައިވެސް ސިއްޙީ މާހިރުންގެ ބަސް ޤަބޫލުކުރިމީހުން އެކަން ކުރިއިރު އެބޭފުޅުންގެ ބަސް ބޮލާލާ ޖެހުމަށްފަހު ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއްނެތި ޢާއްމު ތަންތަނަށް އެއްވިކަން އެއީ ޙަގީގަތެކެވެ. ޕާޓީ ބޭއްވުމާއި ސައިކަލް ބުރު ޖެހުން ޢާއްމުވިތަން މަގުތަކަށް ނުކުތް ކޮންމެ މީހަކަށް ފެންނާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބަލި އިންތިހާއަށް ފެތުރިގެންދާ ޙާލަތުގައި ހޮސްޕިޓަލްތައް ފުރި ސިއްޙީ ޚިދުމަތްތެރިނަށް ޖެހުމަކީ މިދާއިރާގެ ބޭފުޅުން އިންޒާރުކުރެއްވި ކަމެކެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ބަލި ޖެހުނު މީހުންގެ ޢަދަދު 7000 މައްޗަށް ގޮސްފައިވީނަމަވެސް އަދިވެސް ވަގުތު ފާއިތުނުވާކަމަށް ވިދާޅުވެ ސިއްޙީ ދާއިރާގައި ޙާލަތު ވަޒަންކުރައްވަމުންގެންދަވާ ޓީމުން އަދިވެސް އުއްމީދު ކަނޑައެއްނުލައެވެ. މިއީ އަނެއްކާވެސް އަޅުގަނޑުމެން ޢާއްމުން ގޭގައި ތިބުމުގެ މަސްއޫލިއްޔަތު އުފުލަންވީ ވަގުތެވެ. ވަކިބަޔަކު ކުށްވެރިނުކޮށް އަމިއްލައަށް މަގުމަތީ އުޅޭ ވަގުތު މަދުކުރަންވީ ވަގުތެވެ. މިއީ ޙާލަތު ބަދަލުކޮށް ޤައުމުގެ މުސްތަގުބަލުގެ ނިޔާ އަޅުގަނޑުމެންގެ ޢަމަލުތަކުން ނިންމަންވީ ދަނޑިވަޅެވެ.

ހެޔޮނުވާނެއެވެ. މިބަލީގައި އަޅުގަނޑުމެންގެ ޤައުމުން ގިނަބަޔަކު މަރުވެ ނުދަނީސް މިކަމުގެ ބިރުވެރިކަން ވަޒަން ކުރައްވާށެވެ. ޑޮކްޓަރުންގެ ބަސް އަހާށެވެ. ރައްކާތެރިކަން އިސްކުރައްވާށެވެ. ގޭގައި އަދިވެސް މަޑުކޮށް ދެއްވާށެވެ. ކޮފީއާއި ރެސްޓޯރެންޓުތަކަށް ނުދާށެވެ. ޓޭކްއަވޭ ތަންތަނުގެ ބޭރުގައި އެއްވެ ނުތިބޭށެވެ. ސިނގިރެޓު ބޯން ސައިކަލުތައް މަތީ މަޑުކޮށްގެން ނުތިބޭށެވެ. އެއްގެއިން އަނެއް ގެއަށް ނުދާށެވެ. ލޯބިވާ މީހުންނަށްޓަކައި އަދި މުޅި ޤައުމަށްޓަކައިވެސް ރައްކާތެރިކަން އިސްކޮށް ގޭގައި މަޑުކޮށްދެއްވާށެވެ.