ޚަބަރު

ވެންޓިލޭޓަރު ގެނައުމަށް ޑަބްލިއުއެޗްއޯއާއިއެކު ކުރިއަށްގެންދިޔައީ ރަސްމީ މުޢާމަލާތްތަކެއް


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމަށް ޑަބްލިއުއެޗްއޯއާއެކު ކުރި މުޢާމަލާތްތަކަކީ ރަސްމީކޮށް ކުރި މުޢާމަލާތްތަކެއް ކަމަށާއި ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ހުށައެޅި ކުންފުންޏެއްކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ހިންގި މުޢާމަލާތްތަކުގައި ގިނަ މައްސަލަތަކެއް ހުރުމާއި ގުޅިގެން މިމައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރެއްވުމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތަކި ހަގީގަތް އޮޅޭ ގޮތަށް ހިމަނާފައިވާ މައުލޫމާތެއް ކަމަށެވެ. މިނިސްޓަރ އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑް ނުކުރާ ކުންފުންޏެއްކަމަށް ނުވަތަ އެފަދަ ލިޔެކިޔުމެއް ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކުރައްވާފައިވާއިރު ޑަބްލިއުއެޗްއޯގެ މުވައްޒަފަކު ރަސްމީ އޮފީސް މެއިލް އެޑްރެހަކުން ކުރައްވާ މެއިލްތައް އެއީ ޕްރައިވެޓް މުޢާމަލާތްތައްކަމަށް ދެކެވަޑައި ނުގަންވާކަމަށެވެ. އެގޮތުން ވެންޓިލޭޓަރު ގެނައުމާ ގުޅޭގޮތުން ފޮނުވި މެއިލްތަކުގައި ދުބާއިގެ ކުންފުނީގެ މަޢުލޫމާތާއި ވެންޓިލޭޓަރުގެ އަގުތަކާއި ގުޅޭ މަޢުލޫމާތުވެސް ހިމަނާފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުބާއިގެ ކުންފުންޏަށް މިފުރުޞަތު ދެއްވީ މިނިސްޓަރ ނޫންކަމަށާއި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ވީ އެންމެ އަވަހަކަށް ގެނައުމަށް ކުރިއަށްގެންދެވި މަޝްވަރާތަކެއްގައި އެކުންފުނީގެ މަޢުލޫމާތު ހިއްސާކުރެއްވީ ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްކަމަށާއި އޭގެ ފަހުން މުޢާމަލާތްތައް ކުރެއްވީ ބިޑް ކޮމިޓީންކަމަށެވެ. މިީގެ އިތުރުން ވެންޓިލޭޓަރު ގެނެސްދެއްވުމަށް ސީދާ ޑަބްލިއުއެޗްއޯގައިވެސް އެދިލެއްވިކަމަށާއި އެހެންނަމަވެސް އެޖަމިއްޔާއަށް އެދަނޑިވަޅު އެފަދަ ގޮތެއްގައި ގެނެވެން ނެތުމުން ކުންފުނީގެ މަޢުލޫމާތު ހިއްސާކޮށްދެއްވީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ސީދާ ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްއާއި ވާހަކަދެއްކީ ވެންޓިލޭޓަރު ހޯދުމާ ގުޅޭގޮތުން. އަޅުގަނޑު ޤަބޫލެއް ނުކުރަން އެއީ އަޅުގަނޑު ޕްރައިވެޓް ކަމެއްގައި ދެއްކި ވާހަކަތަކެއްކަމަކަށް. އެއީ އަޅުގަނޑުގެ ރަސްމީ މަޤާމުގެ ޙައިސިއްޔަތުން ރާއްޖެއަށް ނުހަނު ބޭނުންވެފައިވާ ވެންޓިލޭޓަރުތަކެއް ކޮންމެ ގޮތެއްގައިވެސް ގެނައުމަށް ދެއްކި ވާހަކަތަކެއް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގަންނަން އެޑްވާންސް ފައިސާ ދައްކާފައިވާއިރު އަދިވެސް ވެންޓިލޭޓަރު ނުލިބޭ މައްސަލައާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ އެއީ ހަގީގަތްކަމަށާއި އެކުންފުންޏާ ޙަވާލުކުރި ވެންޓިލޭޓަރުގެ އިތުރުން ދިވެހި ކުންފުނިތަކާއި ޙަވާލުކުރި ވެންޓިލޭޓަރުތަކާއި ރާއްޖެއަށް ބޭރުގެ އެހީގައި ލިބިފައިވާ ވެންޓިލޭޓަރުތައްވެސް މިހާތަނަށް ލިބިފައި ނުވާކަމަށެވެ. މިއީ ވަކި މީހަކަށް ފައިދާ ވެގެން ކުރިމަތިވެފައިވާ ޙާލަތެއް ނޫންކަމަށާއި މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ބަލިމަޑުކަމެއްގައި ދަތުރުފަތުރާއި އިގްތިޞާދުތަކާއި މީގެއިތުރުންވެސް އެތައް ކަމަކާއި ގުޅިފައިވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މިކަމުގައި މިނިސްޓްރީން އެއްވެސް މީހަކަށް މާލީ މަންފާއެއް ހޯދުމަށް މަސައްކަތް ނުކުރާކަމަށާއި އެފަދަ ކަމެއް އުޅޭނަމަ މިހާރު ކުރިއަށްދާ ތަޙުގީގުން އެކަން އެނގިހާމަވެގެންދާނެކަމަށެވެ. އަދި އޭރު މިނިސްޓްރީގެ ފަރާތުން ކުރި މަސައްކަތާއި ޤައުމާއި ދުނިޔެ އޮތް ނާޒުކު ޙާލަތުން ފަސްމަންޒަރަށް ބެލުމެއް ނެތި ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.