ޚަބަރު

ޑރ. މައުސޫމްގެ ހުވައާއިމެދު ޤާނޫނީ ސުވާލު އުފެދި، ރިޕޯޓް އަލުން ކޮމިޓީއަށް


ޓުއަރިޒަމް މިނިސްޓަރ ޑރ އަބުދުﷲ މައުސޫމް މަޤާމުގެ ހުވާކުރައްވާފައި ވަނީ، ޤާނޫނާއި ޚިލާފަށް ކަމުގައި މަޖިލީހުގެ ތަޅުމުގައި، މެމްބަރުން ފާހަގަކުރެއްވުމާއި ގުޅިގެން ޑރ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޑރ.މައުސޫމަށް ވަޒީރު ކަމުގެ ރުހުން ދިނުމަށް ކޮމިޓީން ނިންމާފައިވާ ރިޕޯޓް މަޖިލހަށް އިއްވައި ހުޅުވާލި ބަހުސްގައި ވާހަކަ ދައްކަވަމުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ޑރ.މައުސޫމް މަޤާމުގެ ހުވާ ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކަމަކަށާއި، އެމަޤާމުން އިސްތިއުފާ ދެއްވާފައި ނުވާކަމަށެވެ. އަދި ޤާނޫނު އަސާސީގައި ބުނާގޮތުން ވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވަޒީރުކަމުގެ މަޤާމަށް އައްޔަނުކުރެވޭ ބޭފުޅުން އެފަދަ މަޤާމެއްގައި ހުންނެވި ނަމަ، އެ މަޤާމަކުން އިސްތިއުފާ ދެއްވަން ޖެހޭނެއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ދާއިރާގެ ބޭފުޅުންވެސް ވަނީ މިމައްސަލާގައި މަޖިލީހުން ރުހުން ދެއްވާއިރު ޑރ.މައުސޫމްގެ ހުވާކޮށްފައި ވަނީ ޤާނޫނު އަސާސީގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަކޮށްގެންތޯ ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ. އަދި މަސްލަހަތު އެކުލެވޭ ކަންކަމާއި، ވިޔަފާރިތަކުގައި ޝާމިލުވާނަމަ ވަޒީރުކަމާއި ހަވާލުވާ ފަހުން މަޤާމުން އިސްތިއުފާ ދެއްވާނެކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫންކަމުގައި މެމްބަރުން ފާހަގަކުރެއްވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ކޮމިޓީއަށް ދެ ސިޓީ ލިބިފައިވާކަމަށެވެ. ފުރަތަމަ ސިޓީގައި ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަކަށް ހުންނެވިކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ފަހުން ފޮނުވި ސިޓީގައި އެ މަޤާމުން އިސްތިއުފާ ދެއްވާފައި ވާކަމަށާއި، އެއްވެސް ކުންފުންޏެއްގައި މިހާރު ޝަމިލް ނުވާކަމަށް އިކޮނޮމިކް މިނިސްޓްރީން ދަންނަވާފައި ވާކަމަށެވެ. ނަމަވެސް މިނިސްޓަރުކަމުގެ ހުވާ ކުރެއްވި އިރު އެމަޤާމުން އިސްތިއުފާ ނުދެއްވާކަމަށް މައުލޫމާތު ލިބިފައިވާކަމުގައި ފަލާހު ވިދާޅުވިއެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވައިކުރެއްވުމާއި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ހަވާލު ކުރައްވާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުގެތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމު ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ މި މަޤާމުތަކުން ވަކިކުރައްވާފައެވެ.

ސަރުކާނު

އެހެންވީމާ މިހާތަނަށް މިނިސްޓަރ ކަމުގައި ހުންނަވާ އެއްވެސް އެއްޗެއްގައި ސޮއިކުރައްވާ އަމުރެއް ނެރުއްވާ، ނިނމުމެއް ނިންމަވާފައިވާނަމަ، އެ ހުރިހާކަމެއް ބާޠިލް.