ދުނިޔޭގެ ވިޔަފާރި

ކަންޓަސް އެއަރލައިންއިން އިތުރު 2500 މީހުން ވަކިކުރަނީ


އޮސްޓްރޭލިއާގެ ކަންޓަސް އެއަރވޭސްއިން އިތުރު 2500 މީހުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

ކަންޓަސް އެއަރވޭސްއިން ބުނީ 2500 މީހުން ވަކިކުރާނީ އެއަރލައިންއާއި އެއަރލައިންގެ ދަށުން ހިންގާ ބަޖެޓް އެއަރލައިން ޖެޓްސްޓަރއިންކަމަށެވެ. ކަންޓަސްގެ މުވައްޒަފުންތަކެއް ވަކިކުރުމަށް ނިންމާފައިވާއިރު، މިދިޔަ ޖޫންމަހުވެސް ކަންޓަސްއިން ވަނީ 6000 މުވައްޒަފުން ވަކިކުރަން ނިންމާފައެވެ.

ކަންޓަސްއިން ބުނީ އިތުރު 2500 މުވައްޒަފުން ވަކިކުރަން ނިންމީ، އެއަރލައިންގެ ގްރައުންޑް ހޭޑްލިންގެ މަސައްކަތްތައް އެހެން ކުންފުނިތަކާ ހަވާލުކުރުމަށް ނިންމުމާ ގުޅިގެންކަމަށެވެ. އަދި މިކަމުގެ ސަބަބުން ގްރައުންޑް ހޭންޑްލިންގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރަންޖެހޭކަމަށް ކަންޓަސްއިން ބުނެއެވެ. ނަމަވެސް ގްރައުންޑް ހޭންޑްލިންގެ މަސައްކަތް އެހެން ކުންފުނިތަކާ ޙަވާލުކުރުމުން އަހަރަކު 100 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެކަމަށްވެސް ކަންޓަސްއިން ބުނެއެވެ.

ކަންޓަސްއިން ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިދިޔަ ހަފްތާގައި އާއްމުކޮށްފައިވާ އެއަރލައިންގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް ވަނީ 2 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހިފައެވެ. އަދި ކުރިއަށް އޮތްތަނުގައި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް އެއަރލައިންއަށް ކުރިމަތިވާނޭކަމަށް ކަންޓަސްއިން ލަފާކުރެއެވެ.

ކޯވިޑްއާ ގުޅިގެން ފަތުރުވެރިކަން ހުއްޓި، ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ދަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންނެވެ. މިގޮތުން އެއަރލައިންތަކަށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ގެއްލުން ކުރިމަތިވަމުންދާއިރު، އެތައް ހާސް ބަޔަކު ދަނީ ވަޒީފާތަކުން ވަކިކުރަމުންނެވެ.