މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހާއި ހަމައަށް ނިންމާލާއިރު، ޕިކްނިކް އައިލެންޑެއް ތަރައްޤީކުރަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ހާމަކުރައްވައިފިއެވެ. މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. ލޯކަލް ޓޫރިޒަމް ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ މާފުށީގެ ބިން ހިއްކާފައިވަނީ ރިސޯޓެއްގެ ސިފަ އަންނަހެން ރިސޯޓް ކޮންސެޕްޓަށެވެ.
މާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ މަޢުލޫމާތު ދިނުމަށް ނޫސްވެރިންނާއެކު މި މަސައްކަތްކުރާ ސައިޓަށް ކުރި ޒިޔާރަތުގެ ތެރެއިން، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ކޯވިޑްގެ ދަތި ޙާލަތުގައިވެސް އެ ކުންފުނިން ހުއްޓުމެއް ނެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ފުރިހަމައަށް ތައްޔާރުވެ ބާރު ސްޕީޑްގައި މި މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ރަށްރަށުގެ ބިން ހިއްކުމާއި ބަނދަރު ހެދުމާއި ފުޓުބޯޅަ ދަނޑުފަދަ ތަންތަން ތަރައްޤީކުރާތަން ފެނުމަކީ މި ޤާބިލުކަމުގެ ހެތްކެތްކަމަށެވެ.
މާފުށީގެ ފަޅުން 25 ހެކްޓަރުގެ ބިން ހިއްކުމާއި މިތަނުގެ 5 ސަރަހައްދެއް ހިމާޔަތްކުރުމުގެ މަސައްްކަތް އަންނަ އޮކްޓޯބަރާ ހަމައަށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަން އާދަމް އާޒިމް ހާމަކުރެއްވިއެވެ. މާފުށީގެ ތިލަ ފަޅުގެ ތެރެއިން ހިއްކި 25 ހެކްޓަރުގެ ބިން އެރަށާއި ގުޅުވާލާނީ 200 މީޓަރު ދިގު ބްރިޖަކުންނެވެ. މި ބްރިޖް އެޅުމަށް އަދި ރަސްމީކޮށް ހަވާލުކޮށްފައި ނުވާއިރު، މި ބްރިޖުގެ ޑިޒައިންގެ އިތުރުން 1.72 ހެކްޓަރުގެ ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާކަން އެމްޓީސީސީގެ ސީއީއޯ ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރިވެޓްމެންޓް މަސައްކަތްވެސް އޮކްޓޯބަރާއި ހަމައަށް ނިންމުމަށް. އަދި ބްރިޖް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައެއް ނުވޭ. ޕިކްނިކް އައިލެންޑެއްވެސް ތަރައްޤީކުރުމަށް މިހާރުވަނީ ނިންމާފައި. މި ޕިކްނިކް އައިލެންޑަށް 1.72 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމުގެ ޑިޒައިން ވަނީ ތައްޔާރުކޮށްފައި" އާދަމް އާޒިމް ވިދާޅުވިއެވެ.
ބިމުގެ ދަތިކަން ދިމާވެފައިވާ މާފުށީގެ ބިން ހިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދު ފުއްދަވައިދެއްވުމުގެ ގޮތުން މާފުށީ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 27 ވަނަދުވަހުއެވެ.
މިހާރު ކުރިއަށްދަނީ ހިއްކި ބިން ޙިމާޔަތްކުރުމަށް ބޭނުންވާ ހިލަ ރާއްޖެ ގެނެސް ބީޗް ތަރައްޤީނުކުރާ 5 ސަރަހައްދެއްގައި ހިލަޖަހާ ރައްކާތެރިކުރުމުގެ މަސައްކަތެވެ. އެގޮތުން ހިއްކި ބިން ޙިމާޔަތްކުރުމަށް 1110 މީޓަރު ސަރަޙައްދުގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ. އަދި އަލަށް ހިއްކި ސަރަހައްދު ރިސޯޓް ކޮންސެޕްޓަށް ހިއްކާފައިވާއިރު މޫދަށް އެރުމަށް ތިމާވެއްޓާއި ރައްޓެހި ބީޗް ސަރަހައްދުތަކެއް އޮންނާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓުއަރިޒަމް ހިންގާ މާފުއްޓަށް ލޯކަލް ޓުއަރިޒަމް ތައާރަފުވިތާ މިހާރު ވަނީ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. އެރަށުގައި މިހާރުވެސް 50 ވުރެ ގިނަ ގެސްޓް ހައުސް ހުރެއެވެ. ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. ރަށުގެ އާބާދީ 2000 މަތީގައި އުޅޭއިރު ރަށަށް ހިޖުރަކޮށްގެންނާއި ވިޔަފާރީގެ މަސައްކަތުގައި 5000 ވުރެ ގިނަ މީހުން އުޅެމުން އަންނަކަމަށް ރަށު ކައުންސިލުން ބުނެއެވެ.
ހިއްކި ސަރަޙައްދުގެ ބޮޑު ސަރަޙައްދެއްވެސް ޚާއްސަކޮށްފައިވަނީ ސޯޝަލް ހައުސިން މަޝްރޫޢުތައް ހިންގުމަށެވެ. އަދި ލޯކަލް ޓުއަރިޒަމާއި، ވިޔަފާރިއަށް ދޫކުރާ ޒޯނަކާއި، އެކިކަންކަމަށް ބޭނުން ކުރުމަށް މިކްސްޑް ޔޫޒް ޒޯނަކާއި، އަދި އާއްމުންގެ ހިތްހަމަޖެހުމަށް އޯޕަން ސްޕޭސްގެ ގޮތުގައި ބޭނުންކުރާ ސަރަޙައްދެއް ހިމަނާފައިވެއެވެ. މީގެއިތުރަށް ކުރިމަގުގައި ރަށަށް ބޭނުންވާ މުހިންމު މަސައްކަތްތައް ކުރުމަށްވެސް މިމަޝްރޫޢުން ބިންވަނީ ކަނޑައަޅާފައެވެ. މާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ އަގަކީ 99.98 މިލިއަން ރުފިޔާއެވެ.