ދުނިޔޭގެ ވިޔަފާރި

ސަޢުދީން ޗައިނާގައި ހިންގާ ބިޔަ މަޝްރޫޢު ހުއްޓުމަކަށް!


ޗައިނާގައި ތެޔޮ ސާފުކުރާ ކޮމްޕްލެކްސްއެއް ޤާއިމްކުރުމަށް ފަށާފައިވާ ބިޔަ މަޝްރޫޢު މަޑުޖައްސާލުމަށް ސަޢުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

ޗައިނާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ޤާއިމްކުރާ "ރީފައިނިން އެންޑް ޕެޓްރޯކެމިކަލް" ކޮމްޕްލެކްސްއަކީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން މިދިޔަ ފެބްރުއަރީމަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ފެށި މަޝްރޫޢެކެވެ.

ޗައިނާގެ ލިއާނިންގ ޕްރޮވިންސްގައި ޤާއިމްކުރާ މި ފެސިލިޓީއާއެކު އޭޝިޔާގެ ބާޒާރުގައި ހިނގާ ސައުދީގެ ވިޔަފާރި ފުޅާކޮށް، ޗައިނާގެ އިންވެސްޓަރުން ސަޢުދީގައި އިންވެސްޓްކުރަން ބާރު އަޅާނެއެވެ. ޚަބަރުތައް ބުނާގޮތުން ޗައިނާގައި ހިންގާ މަޝްރޫޢު ސައުދީން މަޑުޖައްސާލުމަށް ނިންމީ، ތެލުގެ ވިޔަފާރި ދަށްވުމާއި ކޯވިޑްއާ ގުޅިގެން ކުރިމަތިވަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކުގެ ސަބަބުންނެވެ.

ޗައިނާގައި ހިންގާ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢު ހުއްޓާލުމާ ގުޅޭގޮތުން ސައުދީގެ ތެޔޮ ކުންފުނި އަރަމްކޯއިން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ. އަދި މިކަމުގައި ބައިވެރިވާ ޗައިނާގެ ކުންފުނިންވެސް ވާހަކަ ދައްކާފައެއްނުވެއެވެ.

ކޯވިޑްއާ ގުޅިގެން ތެލަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ހަކަތައިގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ދަނީ ކުރިއަށް ރާވާފައި ހުރި ގިނަ މަޝްރޫޢުތަކެއް ހުއްޓާލަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި އަރަމްކޯ ހިމެނޭއިރު، އެކުންފުނިންވެސް ދަނީ ޚަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.