ދުނިޔޭގެ ވިޔަފާރި

ޓްރަމްޕްގެ ރިޔާސީ އަމުރާ ދެކޮޅަށް ޓިކްޓޮކްއިން ކޯޓަށް


އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ކޯޓަށް ދިއުމަށް ޓިކްޓޮކްއިން ނިންމައިފިއެވެ.

އެމެރިކާ ސަރުކާރުގެ ނިންމުމާ ދެކޮޅަށް ކޯޓަށް ދިއުމަށް ޓިކްޓޮކްއިން ނިންމާފައި މިވަނީ، ޓިކްޓޮކް ހިންގާ ބައިޓްޑާންސް ކުންފުނިން އަންނަމަހުގެ މެދުތެރެއިން ފެށިގެން އެމެރިކާގައި އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ހިންގުން މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވަނިކޮށެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް އެމެރިކާގެ ރައީސް ރިޔާސީ އަމުރެއް ނެރުއްވީ، ޓިކްޓޮކްގެ ސަބަބުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާ އެބައޮތްކަމަށް ބުނެއެވެ. އެމެރިކާގެ އޮފިޝަލުން ބުނާގޮތުން އެމެރިކާގެ 80 މިލިއަނެއްހާ މީހުން ޓިކްޓޮކް ބޭނުންކުރާއިރު، އެމެރިކާ ރައްޔިތުންގެ މަޢުލޫމާތު ޓިކްޓޮކްއިން ދަނީ ޗައިނާ ސަރުކާރާ ހިއްސާކުރަމުންނެވެ. ނަމަވެސް ޓިކްޓޮކްއިން މިތުހުމަތުތައް ދޮގުކުރެއެވެ.

ޓިކްޓޮކްއިން ބުނާގޮތުން އެމެރިކާގެ ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާކުރުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާކަމަށެވެ. ނަމަވެސް މިދިޔަ އަހަރެއްހާ ދުވަހު ކުރި މަސައްކަތަށް އެމެރިކާ ސަރުކާރުން މާބޮޑު އެއްބާރުލުމެއް ނުދޭކަމަށް ޓިކްޓޮކްއިން ބުނެއެވެ. އެހެންކަމުން އެމެރިކާ ސަރުކާރުން ޓިކްޓޮކްއާ ދެކޮޅަށް ނިންމާ ނިންމުންތަކާ ދެކޮޅަށް ކޯޓަށް ދިއުން ނޫން ގޮތެއް ނެތްކަމަށް ޓިކްޓޮކްއިން ބުނެއެވެ. އެހެންކަމުން ޓިކްޓޮކްއާ ދެކޮޅަށް އެމެރިކާގެ ރައީސް ނެރުއްވާފައިވާ ރިޔާސީ އަމުރުގެ މައްސަލައިގައި ކޯޓަށް ދާން ނިންމާފައިވާކަމަށްވެސް ޓިކްޓޮކްއިން ބުނެއެވެ. އަދި ކުރިއަށްއޮތް ހަފްތާގެތެރޭގައި އެކަމާ ގުޅޭ ޤާނޫނީ މަސައްކަތްތައް ޓިކްޓޮކްއިން ފަށާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް މަސައްކަތްކުރަމުންދާއިރު، އެމެރިކާގައި ހިންގާ ޓިކްޓޮކްގެ އޮޕަރޭޝަންތައް އެހެން ކުންފުނިތަކަށް ބަދަލުކުރުމަށް އެމެރިކާ ސަރުކާރުން ވަނީ 90 ދުވަހުގެ މުއްދަތެއް ދީފައެވެ. އެއާއެކު މައިކްރޯސޮފްޓާއި ޓްވިޓަރފަދަ ބޮޑެތި ކުންފުނިތަކުން ދަނީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ގަތުމަށް މަސައްކަތްކުރަމުންނެވެ.

ޓިކްޓޮކްގެ އިތުރުން، ޗައިނާގެ ވީޗެޓްއާ ދެކޮޅަށްވެސް އެމެރިކާއިން ވަނީ ފިޔަވަޅު އަޅަން ނިންމާފައެވެ. އެކަމާ ގުޅިގެން ވީޗެޓްއިންވެސް ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.