ޚަބަރު

އިންސާނީ ހައްޤުތަކާ ބެހޭ "ސީ.އީ.ޑީ" މުޢާހަދާ މަޖިލީހުން ފާސްކޮށްފި


އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު މުޢާހަދާއެއް ކަމުގައިވާ "ސީ.އީ.ޑީ" ތަޞްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހުން ފާސްކޮށްފިއެވެ.

ޖޫން މަހުގެ 24 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މި މުއާހަދާ ތަސްދީޤުކުރުގެ މުހިންމުކަމާއި، މިކަމުގެ ބޭނުންތެރިކަން ރާއްޖެއަށް އޮތް މިންވަރާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މިމައްސަލަ ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ކޮމިޓީންވަނީ މި މުއާހަދަގައި ބައިވެރިވުމަކީ މުހިންކަމެއް ކަމުގައި ދެކި ކޮމިޓީން ރިޕޯޓް ފާސްކޮށްފައެވެ. ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 56 މެމްބަރުންގެ ވޯޓުންނެވެ.

"އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސްއެޕިއަރެންސް (ސީ.އީ.ޑީ)" މުޢާހަދާ ތަޞްދީޤުކުރުމުން، ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ދޭ އަޙައްމިއްޔަތުކަން އިތުރަށް ހާމަވެ، ދިވެހިރާއްޖޭގެ އިޙްތިޞާޞްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ސީ.އީ.ޑީ މުޢާހަދާ އެޑޮޕްޓްކޮށްފައިވަނީ 20 ޑިސެމްބަރު 2006 ގައި އެމެރިކާގެ ނިއުޔޯކުގައެވެ. އެ މުޢާހަދާއަށް ޢާންމުކޮށް ޢަމަލުކުރަން ފަށާފައިވަނީ 23 ޑިސެމްބަރު 2010 ގައެވެ. އަދި ދިވެހިރާއްޖެއިން މި މުޢާހަދާގައި ސޮއިކޮށްފައިވަނީ، 6 ފެބުރުއަރީ 2007 ގައެވެ. މި މުޢާހަދާގައި މިހާތަނަށް 98 ޤައުމަކުން ސޮއިކޮށްފައިވާއިރު، މުޢާހަދާ ތަޞްދީގުކޮށްފައިވަނީ 62 ޤައުމަކުންނެވެ.

ސީ.އީ.ޑީ މުޢާހަދާ ދިވެހިރާއްޖެއިން ތަޞްދީޤުކޮށް އެ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ޤައުމުގެ ޤާނޫނީ އޮނިގަނޑުގައި ހިމެނުމާއެކު، ޝަރުޢީ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްކުރާ ފަރާތްތަކަށް ޙައްޤު ޢަދަބު ކަނޑައެޅިގެން ދިއުމުން، އިންސާފު ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިކަމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ފުރިހަމަކަމާއެކު ތަންފީޛުކުރުމަށް ބާރުލިބޭނެ ކަމެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސްކަމާއި ހަވާލުވެ ވަޑައިގެން ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ޙައްޤުތައް އެފަރާތްތަކަށް ހޯދައި ދިނުމާއި، ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ޙަޤީޤަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދެއްވުމަކީ އެ މަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާނެ ކަމެއްކަމަށްވަނީ ވިދާޅުވެފައެވެ.