ޚަބަރު

ކޯވިޑް-19 : ފަސް ހާހަށްވުރެ ގިނަ މީހުންނަށް ފިޔަވަޅުއެޅި، 667 މީހަކު ކުށް ތަކުރާރުކުރި


ފުރަބަންދުގެ ޤަވާއިދާ ޚިލާފުވި 5000އަށްވުރެ ގިނަ މީހުންނާމެދު މިހާތަނަށް ފިޔަވަޅުއަޅާފައިވާއިރު ތަކުރާރުކޮށް ޤަވާއިދާ ޚިލާފުވި 667 މީހަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ ޤަވާއިދާއި ޚިލާފުވެގެން އެންމެ ގިނައިން ފިޔަވަޅު އަޅާފައިވަނީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ފުރަބަންދުގައި އެކަށައަޅާފައިވާ ޤަވައިދުތައް ތަންފީޒުކުރުމަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މަގުމަތީގައި އިންސްޕެކްޓްކުރުން އިތުރުކުރުމާއި ތަންތަން މޮނީޓަރ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އެހެންނަމަވެސް، މި ކަންކަމުގެ އެންމެ އެދެވޭ ނަތީޖާއެއް ނިކުންނާނީ އާންމުންގެ އެއްބާރުލުން ފުރިހަމައަށް ލިބިގެންކަން ފާހަގަކުރައްވާ އަބްދުﷲ ޝަރީފް ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޤަވައިދާ ޚިލާފުވެގެން 5677 މީހުންނާމެދު ފިޔަވަޅުއަޅާފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި ކާފިއު ގަޑީގައި ބޭރަށް ނިކުމެ އުޅުނު 3249 މީހަކާއި، މާސްކް ނާޅާ އުޅުނު 2428 މީހުން ހިމެނޭކަން ޢަބްދުﷲ ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މީގެ ތެރޭގައި 7 ފަހަރު ފިޔަވަޅު އަޅާފައިވާ މީހަކުވެސް ހިމެނޭކަން ޢަބްދުﷲ ޝަރީފް ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ބޭނުމަކީ އާންމުނަށް ފަސޭހަ ރައްކާތެރި މާޙައުލެއް ޤާއިމްކުރުންކަން ފާހަގަކުރައްވާ ޢަބްދުﷲ ޝަރީފް ވަނީ، ޒަރޫރީ ބޭނުންތަކަށް މަނާގަޑީގައި ބޭރަށް ދާންޖެހޭނަމަ ހުއްދަނެގުމާއި، އޮފީސްތަކުގެ މުވައްޒަފުންނަށް އެގަޑީގައި ހަރަކާތްތެރިވެވޭނެގޮތް ހަމަޖައްސައިދިނުމަށް އޮފީސްތަކަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެން ބުނެލަން ބޭނުންވަނީ އެންމެންވެސް ޤަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް. ޒަރޫރީ ބޭނުމަށް އަބަދުވެސް ފުރުސަތު ދޭނަން. ބްރިޖްގެ ކަންކަންވެސް އެލައިންކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އިފީސްތަކުން މުއައްޒަފުން 8 ގެ ފަހުން ބޭރަށް ދާންޖެހޭނަމަ އެކަމުގެ ރަނގަޅު އިންތިޒާމެއް އަދި ލިޔެކިޔުންތައް ދީފައި އޮންނަން ވާނީ" ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވަނީ ޤަވައިދާ ޚިލާފުވެގެން ފިޔަވަޅުއަޅާފައިވާ މީހުންގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ގިނައިން ފިޔަވަޅު އަޅާފައިވަނީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކާފިއު ގަޑީގައި ބޭރުގައި އުޅުނުން 2869 މީހުންނާއި މާސްކް ނާޅާ އުޅުނު 1951 މީހުން ހިމެނޭހެން މިއުމުރުފުރާއިން އެކަނިވެސް ޖުމުލަ 4820 މީހުންނާއި ދެކޮޅަށް ވަނީ ފިޔަވަޅު އަޅާފައެވެ. މިފަދަ އަމަލުތައް ފެނިގެން 18 އަހަރުން ދަށުގެ 203 ކުއްޖަކާމެދު ފިޔަވަަޅު އަޅާފައިވާއިރު 65 އަހަރުން މަތީގެ 10 މީހަކާމެދުވެސް ވަނީ ފިޔަވަޅުއަޅާފައެވެ.

މި މަޢުލޫމާތުތައް އެއްކުރަނީ ފުލުހުން ފިޔަވަޅުއަޅާ މީހުންގެ މަޢުލޫމާތު ނެގުމަށް ބޭނުންކުރާ ނިޒާމުގެ ދަށުންކަމަށް ވާއިރު، އަލަށް އަމަލުކުރަންފެށި ފިޔަވަޅުތަކާއެކުވެސް މި ނިޒާމު ފައްކާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.