ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު މިހާރުވެސް ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށް އެޗްޕީއޭގެ ކޮންސަލްޓަންޓް ޑރ.ޝީނާ ވިދާޅުވެއްޖެއެވެ. ޑރ.ޝީނާއަކީ ރާއްޖޭގެ ކޯވިޑް ޙާލަތަށް އައިސްދާނެ ބަދަލުތަކުގެ އަންދާޒާތައް ހެދުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ އެއް ޑޮކްޓަރެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ޑރ.ޝީނާ ވިދާޅުވީ ކުރިން އަންދާޒާކުރި އަދަދުތަކަށްވުރެ ޕޮސިޓިވްވާ މީހުންގެ އަދަދު މިހާރުވެސް ވަރަށް ބޮޑަށް އިތުރުކަމަށެވެ. އަދި ޓެސްޓިންގ ކެޕޭސިޓީއަށް ބަލާއިރު ކޭސްތައް ފެންނަ މިންވަރު މަދުވިނަމަވެސް، ޓެސްޓްކުރާ މިންވަރު އިތުރުވާނަމަ މުޖުތަމަޢުގެތެރޭގައި ބަލި ގިނަކަން ފާހަގަވާނެކަމަށާއި މިހާރުވެސް ނަންބަރުތަށް ފެންނަ މިންވަރަށް ބަލާއިރު ދުވާލަކު ހަސަތޭކައެއްހާ ކޭސް ފެންނާނެކަމަށް އަންދާޒާކުރެވޭކަމަށއ ޑރ.ޝީނާ ވިދާޅުވިއެވެ.
"ބައްޔަށް ޓެސްޓްކޮށް ދެނެގަނެވެނީ މި ވަރަށް މަދު ބައެއް. 600އަށްވެސް ދުވާލަކު ގޮސްފާނެ. ނަމަވެސް ޓެސްޓްކުރެވޭވަރަކުން މިކަން ފެނާނި. މިހާރު 500-1000މީހުން މި ޓެސްޓްކުރެވެނީ." ޑރ.ޝީނާ ވިދާޅުވިއެވެ.
ޑރ.ޝީނާ ވިދާޅުވީ ކުރިން އަންދާޒީކުރިމިންވަރަށްވުރެ މިހާރުވެސް ކޭސް ފެންނަ މިންވަރު އިތުރުވެފައިވާކަމަށެވެ. އަދި މިއީ އަނެއްކާވެސް ރާއްޖެ ލޮކްޑައުންއަކަށް ދާންޖެހިފައިވާ ވަގުތުކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ޑރ.ޝީނާ ވިދާޅުވިއެވެ.
ޑރ.ޝީނާ ވަނީ ރާއްޖޭގެ ސިއްޙީ ނިޒާމަސް ނުކަތާވަރަށް ކޭސްތަށް އިތުރުވެ ދަތި ދުވަސްވަތަކާއި ދިވެހިން ކުރިމަތިލާންޖެހިދާނެކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަށް ހެދިނަމަވެސް، އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް މިހާރުވެސް ދަތިކަމަށާ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލު ނުވެވިއްޖެނަމަ، ސިއްޙީ ނިޒާމަށް ނުކަތާވަރަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ ބަލީގައި މަރުވާ މީހުންވެސް އިތުރުވާނެކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.
ވޭތުވެ 2 ހަފްތާއަށް ބަލާއިރު ހަފްތާއަކު 4 މީހުންވަނީ ކޯވިޑް-19 ޖެހިގެން ނިޔާވެފައެވެ. ޑޮކްޓަރ ޝީނާ ވިދާޅުވީ އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ ނިސްބަތަށް ބަލާއިރު، އައިސީޔޫގައި ފަރުވާދޭ މީހުންގެ 50% މީހުން ބަލީގައި ނިޔާވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ.
"އާއްމުކޮށް ހޮސްޕިޓަލްތަކުގައި 5-6 އެނދަށް ނަރުހެއް ހުންނާނެ. އެކަމަކު މިހާރު ކޮވިޑް ފެސިލިޓީތަކުގައި 30އެންދަށް އެންމެ ނަރުހެއް ހުންނަނީ. ޑޮކްޓަރުންނާއި ނަރުހުން މަދުވުމުގެ ކަންބޮޑުވުން އެބައޮތް. ފެސިލިޓީތައް ގިނަކުރެވިދާނެ، އެކަމަކު އެތަންތަނުގައި ފަރުވާން ދޭން ތިބޭނީ ކޮންބައެއްހޭ!" ޑރ.ޝީނާ ވިދާޅުވިއެވެ.
މިހާރުވެސް ކޮވިޑް ފެސިލިޓީގައި 150އަށްވުރެ ގިނަ މީހުންނަށްދަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. ޑޮކްޓަރ ޝީނާ ވިދާޅުވީ މިހާބޮޑު ސިއްޙީ ކުއްލި ޙާލަތަކާއި ކުރިމަތިލާންޖެހިފައިވާއިރު ސިއްޙީ ނިޒާމާއި އިޤްތިޞާދު ބެލެންސްކުރުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށެވެ. އެހެންކަމުން މިއީ ގައިޑްލައިންތަކަށް ޢަމަލުކޮށް ކޭސްތަށް މަދުކުރަން ކޮންމެހެން މަސައްކަތްކުރަންޖެހިފައިވާ ވަގުތުކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހޭމީހުން އިތުރުވަމުންދާތީ މިކަމަށް އާންމުން ސަމާލުވެ، ރައްކާތެރިވުމުގެ ގޮތުން ކަމާ ގުޅުންހުރި ފަރާތްތަކުންދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް އެފަރާތްތަކުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ. އެޗްޕީއޭއިން ވަނީ ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހިމެނޭ ގިނަ އުސޫލުތަކެއްވެސް އާންމުކޮށްފައެވެ.