ޚަބަރު

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި


ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ކަސްތޫރިގެ، އައިމަން އަޙްމަދު (27އ) އެވެ.

އައިމަން އަޙްމަދު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އޮގަސްޓް 20 ވަނަ ދުވަހުގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއްގެ އެޕާޓްމަންޓަކާއި ހެންވޭރު ގެއެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ފެނިފައިވަނީ މާލެއިން ބަލައި ފާސްކުރި ގެއިންނެވެ. އެގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ހަތަރު ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނީ 1.16 ކިލޯގްރާމެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އައިމަން އަޙްމަދަކީ 17 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

މި މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.