ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ކ. ގުރައިދޫ ބަނދަރު ސަރަހައްދުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ރަސްމީކޮށް ފަށްޓަވާދެއްވީ މި މަޝްރޫޢު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
އެމްޓީސީސީއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢަށް ބޭނުަންވާ އީ.އައި.އޭ ހުއްދަ އެކުންފުންޏަށް ލިބިފައިވަނީ 13 އޯގަސްޓް 2020 ގައެވެ. ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 15 އޯގަސްޓް 2020 ގައި ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށް މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު އެރަށަށް ގެންގޮސްފައެވެ.
މި މަޝްރޫޢުގެ ދަށުން 644،000 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ފަޅުފުންކޮށް ބިންހިއްކުމާއި، 1200 މީޓަރު ސަރަޙައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 85.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްލަފާ ކުރެވެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލުގެ ރައީސް ޙުސެއިން ޔާމީން މުޙައްމަދު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ވިޔަފާރީގެ އިތުރު ފުރުޞަތުތަކެއް ހުޅުވި، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެކަމަށެވެ. ޕްލޭނިންގ މިނިސްޓްރީން ކައުންސިލާއި ހިއްސާކޮށްފައިވާ އަލަށް ހިއްކާ ސަރަޙައްދުގެ ޒޯނިންގ ޕްލޭންގައި ބޯހިޔާވަހިކަމަށް 4.75 ހެކްޓަރު ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެރަށުން ގޯތިދޫނުކުރާތާ 17 އަހަރުވެފައި ވާތީ، ބޯހިޔާވަހިކަމަށް އޮތް ޑިމާންޑް އެތައްގުނައެއް ބޮޑުވެފައިވުމުން، އެ ޕްލޭނަށް ބަދަލުގެނެސް ވީހާވެސް ގިނަ ބަޔަކަށް ގޯތިދޫކުރެވޭނެ ގޮތް ހެދުމަށް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑަށް ހިއްކުމަށް ނިންމާފައި ވަނީ ގުރައިދޫގެ ހުޅުނގު ފަރާތުންނެވެ. އެ ސަރަޙައްދުން 12.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ޔާމީން ވިދާޅުވީ، ރަށުގެ އިރުމަތީ ފަރާތުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކުމަކީ ރައްޔިތުން ވަރަށް ބޭނުންވާކަމެއްކަމުން، މި ޕްރޮޖެކްޓްގެ ތެރެއިން އިރުމަތީ ފަރާތްވެސް ވީހާ ބޮޑަކަށް ހިއްކިގެންދިއުމަކީ ރައްޔިތުން އެދޭގޮތްކަމަށެވެ.
ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށާއި ވަކިން ދުރު ފަޅުމަތީގައި 1.7 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރާ ތަނެކެވެ. ގުރައިދޫ ކައުންސިލުގެ ރައީސް ޔާމީން ވިދާޅުވީ، އެތަން ރައްޔިތުންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ މީހުންނާއި ފަތުރުވެރިންނަށްވެސް ޢާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެހެން ތަރައްޤީކުރެވޭނެކަމަށެވެ.