ޚަބަރު

ކޯވިޑް-19 : މިއަދު އެކަނިވެސް 194 ޕޮޒިޓިވް ކޭސް، ދިވެހިންގެ ޢަދަދު 150 މަތީގައި


ރާއްޖެއިން މިއަދުވެސް ގިނަ ޢަދަދެއްގެ ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރައްވާފައިވާ ތަފާސްހިސާބަށް ބަލާއިރު ރޭ އިރުއޮއްސި 18 :00އިން މިރޭގެ 18:00އާ ހަމައަށް ރާއްޖެއިން 194 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރެއިން 191 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 167 ދިވެހިންނާއި ބަންގްލަދޭޝްގެ 16 މީހަކާއި އިންޑިއާގެ 7 މީހަކާއި ސްރީލަންކާ މީހަކާއި، ނޭޕާލް މީހަކާއި، ތައިލެންޑު މީހެއްގެ އިތުރުން އިޓަލީ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 6564އަށް އިތުރުވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 97 މީހުންނެވެ. މިހާތަނަށް ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން 4012 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް-19އަށް މިމަހު ޕޮޒިޓިވްވާނެކަމަށް ސިއްޙީ މާހިރުން އަންދާޒާކުރި ޢަދަދަށްވުރެ މައްޗަށް ބަލި ޖެހުނު މީހުންގެ ޢަދަދު އަރައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން އެޅި ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ޖުލައި މަހުގެ 30ވަނަ ދުވަހު ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ ޢާންމުކުރެއްވި ޕްރޮޖެކްޝަން ނުވަތަ އަންދާޒާތަކުގައިވަނީ މިހިނގާ އޯގަސްޓްމަހު ކޯވިޑް-19އަށް ޕޮޒިޓިވްވާނީ 2373 މީހުންކަމަށް ލަފާކޮށްފައެވެ. ނަމަވެސް މިމަހުގެ މިހާތަނަށް އެކަނިވެސް 2671 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހިންގެ 2066 މީހެކެވެ. އަދި 705 ބިދޭސީންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުޅޭނީ ސަތޭކައިން މަތީގެ ޢަދަދުތަކުގައެވެ. އޭގެތެރެއިންވެސް ބަލިޖެހޭ ދިވެހިންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.