ޚަބަރު

މަޖިލީހަށް ޖާގަދީގެން މިސަރުކާރުން ދަނީ ކަންކަން އިސްލާހުކުރަމުން: ރައީސް ނަޝީދު


އެމްޑީޕީ މެޖޯރިޓީ މަޖިލީހަށް ޖާގަ ދީގެން މިސަރުކާރުން ކަންކަން އިސްލާހު ކުރަމުންދާކަން ރައްޔިތުންނަށް ސާފުވާކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އޯޑިޓް ރިޕޯޓާއި ގުޅިގެން، ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އެކަމަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވ، އެމްޑީޕީގެ ވާދަވެރި ޕާޓީތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތު ގިނަކަމަށް ބުނާއިރު، މިސަރުކާރުން ދަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަށް ޖާގަދެއްވައި، ކަންކަން އިސްލާހު ކުރަމުންކަން ރައްޔިތުންނަށް ސާފު ވާކަމަށެވެ. އެއާއި ޚިލާފަށް ރައީސް ޔާމީނުގެ ސަރުކާރުގައި މަޖިލީހުން ކޮރަޕްޝަނުގެ މައްސަލަތައް ބެލިޔަ ނުދީ މަޖިލީހަށް ވެއްދީ ސިފައިންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓު --

ކޯވިޑް-19ގެ ޚަރަދުތައް ކޮށްފައިވާގޮތް ބެލުމަށް އޮޑިޓުކުރުމަށް މަޖިލީހުން ފާސްކޮށް، އެއާއި ގުޅިގެން އޮޑިޓަރ ޖެނެރަލް މިހާތަނަށް ތިން އޮޑިޓް ރިޕޯޓެއް ނެރުއްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޓުއަރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އޮޑިޓް ރިޕޯޓެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އޮޑިޓުން، ކޯވިޑް 19ގެ ޚަރަދުތަކުގެ ތެރޭގައި އެތައް މިލިޔަން ރުފިޔާއެއްގެ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކެއް ހިނގާފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެއާއި ގުޅިގެން އިދިކޮޅު ފަރާތްތާއި އާއްމު ފަރާތްތަކުގެ ފާޑު ކިޔުންތައް ސަރުކާރަށާއި މަޖިލީހަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން ސަރުކާރުން ފިޔަވަޅުތައް އަޅުއްވައި، އެކަމުގައި ޝާމިލްވި ފަރާތްތައް ޒިންމާތަކުން އެކަހެރިކޮށްފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުންވެސް ދަނީ، ކަމާއި ބެހޭ މުއައްސަސާތަކުގެ ވެރިން ހާޟިރުކޮށްގެން އެމައްސަލަތައް ބަލަމުންނެވެ.