ޚަބަރު

ރާއްޖޭގެ ސިއްޙީ ނިޒާމުގައި އޮތް ހަމައެކަނި ޙައްލަކީ މާލެއެއް ނޫން


ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވި ޙާލަތުން ރާއްޖޭގެ ސިއްޙީ ނިޒާމުގައި ހުރި މައްސަލަތަކާއެކު ރަނގަޅުކަންކަންވެސް އަންނަނީ ފާހަގަވަމުންނެވެ. ބައެއް ރަށްރަށުގައި އާދައިގެ ބައެއް ޞިއްޚީ ޚިދުމަތްތައް ނުލިބިގެން މާލެއަށް އަންނަންޖެހޭ ޝަކުވާއަކީ އަބަދުވެސް އިވޭ ވާހަކަތަކެކެވެ. އެހެންނަމަވެސް ކޯވިޑް-19އާއެކު އެހެންކަމެއްވެސްވަނީ ހާމަވެފައެވެ. އެއީ ރާއްޖޭގައި ސިއްޙީ ފަރުވާ ހޯދުމަށް އޮތް ހަމައެކަނި ޙައްލަކީ ނުވަތަ ފުރުސަތަކީ މާލެ ނޫންކަމެވެ.

ކޯވިޑް-19 ވެގެން ގޮސްފައިވަނީ ހުރިހާ ދާއިރާއަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖްބޫރުކުރުވި ބަލިމަޑުކަމަށެވެ. ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިން ބައްޔެއް ވެއްޖެނަމަ އެންމެ ފުރަތަމަވެސް ވިސްނާލެވެނީ ފަރުވާ ހޯދަން މާލެ ދިޔުމަށެވެ. ޑޮކްޓަރުގެ ލިޔެކިޔުން ހާމަކޮށް އާސަންދަ ހަމަޖައްސައިގެން ނަމަވެސް މާލެއަށް ދިޔުމަކީ އޭރު ވިސްނިފައި އޮތް ހައްލެވެ. އޭރު ޤަބޫލުކުރެވިފައި އޮތީ މާލެ ފިޔަވާ ސިއްޙީ ޚިދުމަތް ހޯދުމަށް އިތުރު ގޮތެއް ނެތްކަމަށެވެ. އެހެންނަމަވެސް ކޯވިޑް-19އާއި ގުޅިގެން ޢިއުލާންކުރި ފުރަބަންދާއި މާލޭގައި ވައިރަހުގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުން ވެގެންދިޔައީ އަތޮޅު ތެރޭގައި ހުރި ސިއްޙީ ނިޒާމް ތަޖްރިބާ ކޮށްލުމަށް ލިބުނު ފުރުސަތަކަށެވެ. އެއާއެކު ހާމަވެގެންދިޔަ އެއްކަމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ސިއްޙީ ނިޒާމު ކުރިން ހީކުރިހާ ބަލިކަށި ނޫންކަމެވެ.

ރާއްޖޭގެ ރައްޔިތުން ޞިއްޚީ ފަރުވާ ހޯދުމަށް ސެންޓްރަލް މާލޭގެ ސިއްޙީ ޚިދުމަތަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުންވަނީ 5 ސަރަޙައްދެއްގައި ޓަރޝިއަރީ ފެންވަރުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ލ.ގަމު ރީޖަނަލް ހޮސްޕިޓަލަކީ މީގެ ތެރެއިން އެއް ހޮސްޕިޓަލެވެ.

ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަވަމުން ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް ޢަލީ ނަޝީދު ވިދާޅުވީ ކޯވިޑް-19އާއެކު ހާމަވެގެންދިޔަ އެއްކަމަކީ ރާއްޖޭގައި ސިއްޙީ ޚިދުމަތް ހޯދުމަށް އޮތްހަމައެކަނި މަގަކީ މާލެ ނޫންކަންކަމަށެވެ. އޭނާ ވިދާޅުވީ ލ.އަތޮޅު ނޫން އެހެން ރަށްރަށުގެ މީހުންނަށް އެހޮސްޕިޓަލުގެ ފެންވަރު ނޭނގޭކަން ވަރަށްބޮޑަށް ވޭތުވެދިޔަ ދުވަސްތަކުގައި އެނގިގެން ދިޔަކަމަށެވެ. އެގޮތުން އެހޮސްޕިޓަލުން ލިބޭ އެތައް ޚިދުމަތްތަކެއް ހޯދުމަށް ކައިރި އަތޮޅުތަކުގެ މީހުން މީގެ ކުރިން މާލެ ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ފާހަގަކުރެވުނު ކަމަކީ އަތޮޅުން ބޭރުން މިތަނަށް ވަޑައިގަންނަވާ ބޭފުޅުންނަށް މިތަނުން މިޚިދުމަތްތައް ލިބެން ހުރިކަން ނޭނގޭކަން، އެގޮތުން އަތޮޅުން ބޭރުން ވަޑައިގަންނަވާ ބޭފުޅުންގެ މެދުގައި އެންމެ ބާރުބޮޑުވާ ޚިދުމަތެއް ލޮލުގެ ޚިދުމަތާއި ދަތުގެ ފަރުވާއަކީ. މިހާ ފުރިހަމައަށް މިކޮޅުގަ މިޚިދުމަތް ލިބެން ހުރިކަން ނޭނގޭކަން އަޅުގަނޑުމެނަށް އެނގިގެންދިޔައީ. މިހާރު މާލެއާއި ލ.ގަމާ ދޭތެރޭގައި ބޮޑު އާބާދީއެއް ދިރިއުޅޭއިރު މިފަރާތްތަކަށްވެސް މިހާރު އެނގިލައްވާނެ މާލެއަކީ ބައްޔެއް ވީމަ އޮތް ހަމައެކަނި ޗޮއިސް ނޫންކަން. ގަމު ރީޖަނަލް ހޮސްޕިޓަލަކީވެސް ޗޮއިސްއެއްކަން."

ކޯވިޑް-19އާއި ގުޅިގެން ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ކ، އއ، އދ، ވ، މ، ފ، ދ، އަދި ތގެ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ ކުރިން ޢާއްމުގޮތެއްގައި އޯޕީޑީގައި ބަލަމުން އައީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ސަތޭކަ ބަލި މީހުންނަމަވެސް މިހާރު އެހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 350 އާއި 400 އާދެމެދުގެ ޢަދަދަކަށް ބަލިމީހުންނަށް އޯޕީޑީގައި ޚިދުމަތް ދެމުން އަންނަކަމަށެވެ.

އަތޮޅުތެރެއިން ޢާއްމުކޮށް ގަމު ރީޖަނަލް ހޮސްޕިޓަލަށް ދަނީ ވިހެއުމަށާއި ލޮލުގެ ފަރުވާއަށާއި ދަތުގެ ފަރުވާގެ އިތުރުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށްކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެ އިތުރުން މިވަގުތު އެންމެ ބޮޑަށް ބޭނުންވެ އެހެންނަމަވެސް ނުދެވޭ ޚިދުމަތަކީ ސީޓީ ސްކޭންގެ ޚިދުމަތްކަމަށާއި އެޚިދުމަތް ވަރަށް އަވަހަށް ހޮސްޕިޓަލުގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލަކީ ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް މާލެއިން ދެކުނުގެ މ،ފ،ދ،ތ،ލ އަތޮޅުގެ ރައްޔިތުންނަށް ޤާއިމުކޮށްފައިވާ ކޯވިޑްގެ މައި ފެސިލިޓީއެވެ. މީގެ ސަބަބުންވެސް ޢާއްމު އޯޕީޑީއަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރިކަން އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އެގޮތުން އެހޮސްޕިޓަލަކީ 65 އެނދުގެ ބެޑް ކެޕޭސިޓީގެ ހޮސްޕިޓަލަކަށްވާއިރު މިހާރު ކޯވިޑް-19އަށް 3 ވޯޑް ޚާއްސަކޮށްފައިވާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މިއާއެކު ޢާއްމު ބަލިތަކާއި އެހެނިހެން ބަލިތަކުގައި އެޑްމިޓްކުރުމަށް 24 އެނދު އެހޮސްޕިޓަލުގައި ހުރިކަން ފާހަގަކުރައްވައެވެ. އެހޮސްޕިޓަލުން ޑަޔަލެސިސްގެ ޚިދުމަތް ހޯދަމުން އަންނަ ޕޭޝަންޓުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސުޕަރ ސްޕަޝަލިޓީއާއި ސްޕެޝެލިޓީގެ ގިނަ ޚިދުމަތްތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ. މިއީ މާލެއިން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންގެ ސިއްޙީ ކަންކަމަށް މިދަނޑިވަޅުގައި ބަރޯސާވެފައިވާ މައި ހޮސްޕިޓަލެވެ. އެހެންކަމުން ކޯވިޑްގެ ޙާލަތުން އަރައިގަނެވުމުންވެސް ކައިރި އަތޮޅުތަކުގައި މިޚިދުމަތް ދިނުމުގައި ދެމިތިބޭނެކަމަށާއި މިހާރު އޮތް ހަމައެކަނި ގޮތަކީ މާލެ ނޫންކަން ރައްޔިތުންނަށް އެނގިގެން ގޮސްފައިވާކަމަށް އެހޮސްޕިޓަލުން ޤަބޫލުކުރެއެވެ.