ކުޅިވަރު

ޕީކޭ އަށް ފުލަމް، ސުއަރޭޒަށް އަޔެކްސް، ރަކިޓިޗަށް ޔުނައިޓެޑުން ބިޑްކުރަނީ


ބާސެލޯނާގެ ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ ޖެރާޑް ޕީކޭ އަށް އިނގިރޭސިވިލާތުގެ ފުލަމް އަދި ފޯވަޑް ލުއިސް ސުއަރޭޒް އަށް އަޔެކްސްއިން އަދި އިވާން ރަކިޓިޗަށް މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅު ކުރަން ފަށައިފިއެވެ.

ބާސެލޯނާގެ ވައިސް ކެޕްޓަން ޕީކޭ ގެންދަން މަސައްކަތް ކުރާ ފުލަމް އަކީ އިނގިރޭސި ދެ ވަނަ ޑިވިޝަން (ޗެމްޕިއަންޝިޕުގައި) ވާދަކުރާ ކުލަބެކެވެ. އެކުލަބުން އޭނާ ގެންދަން ޝައުގުވެރިވަނީ ބާސެލޯނާއިން މިހާރު ވެސް ދެމުން އަންނަ މުސާރައާ އެކުގައެވެ. އުމުރުން މިހާރު 35 އަހަރުގެ ޕީކޭ ވަނީ ބާސެލޯނާ އަށް ފަހަކަށް އައިސް ލިބޭ ނާކާމިޔާބީތަކުގެ ސަބަބުން ކުލަބު އަލުން ބިނާކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކުލަބާ ވަކިވާންޖެހިއްޖެނަމަ އެކަން ކުރަން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

ބާސެލޯނާއިން މި މަސައްކަތް ފަށައި މިހާރު މަސައްކަތްކުރަމުންދަނީ ދުވަސްވީ ގިނަ ކުޅުންތެރިންތަކެއް ވިއްކާލުމަށެވެ. މި ގޮތުން ފޯވަޑް ލުއިސް ސުއަރޭޒް ގެންދިއުމަށް އޭނާގެ ކުރީގެ ކުލަބު އަޔެކްސް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ނަމަވެސް އުރުގުއޭގެ މީޑިޔާތަކުން ބުނަނީ ވިއްކާލާ ކުޅުންތެރިންގެ ލިސްޓަށް ލީނަމަވެސް ސުއަރޭޒް ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން ކަމަށެވެ. ނަމަވެސް އޭނާގެ އުމުރުން 33 އަހަރުވުމާއި ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތުމުން ބާސެލޯނާ އޭނާ ވިއްކާލަން ބޭނުންވަނީ ކުލަބުގެ ހޭދަތައް ވެސް ކުޑަކުރުމަށެވެ.

މިޑްފީލްޑަރު އިވާން ރަކިޓިޗްގެ ކޮންޓްރެކްޓްގައި ވެސް ބާކީ އޮތީ އަހަރެކެވެ. އޭނާ ގަތުމަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ޝައުގުވެރިވެއެވެ.