ކުޅިވަރު

ކާމިޔާބު ހޯދޭނީ ކުޅުންތެރިން ހިތްހަމަޖެހިގެންތިބެގެން: ކޫމަން


ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ ބޮޑު ކުލަބު ކަމަށާއި އެ ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ކުޅުންތެރިން ހިތްހަމަޖެހިގެން ތިބެންޖެހޭ ކަމަށް ޓީމާ އަލަށް ހަވާލުވި ކޯޗު ރޮނަލްޑް ކޫމަން ބުނެފިއެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށްފަހު ކޫމަން ބުނީ ނެދަލޭންޑްސްގެ ކޯޗުކަން ދޫކޮށް ބާސެލޯނާއާ ހަވާލުވީ އެއީ އޭނާ ދެކެމުން އައި ހުވަފެނަކަށްވުމުން ކަމަށެވެ.

"އަހަރެން ކޯޗެއްގެ ގޮތުގައި ވަރަށް ގިނަ ތަޖުރިބާ ހޯދައިފިން. އަހަރެންނަކީ ބާސެލޯނާ އަށް ކޯޗުކޮށްދެވޭ ފެންވަރުގެ ކޯޗެއް. އަހަރެން ބާސެލޯނާ އަށް އައީ ހުވަފެންތަކެއް ދެކެމުން. މިއީ އަހަރެންގެ ހުވަފެނެއް. މިހާރު މިކަން މިއޮތީ ހަގީގަތަކަށްވެފައި،" ކޫމަން ބުންޏެވެ.

އޭނާ ބުނީ ޓީމުގައި އުމުރުން ދޮށި ގިނަ ކުޅުންތެރިން ތިބިކަން އެނގޭ ކަމަށާއި ނަމަވެސް ޖުމުލަކޮށް ބާސެލޯނާގައި އޮތީ ކޮލިޓީ ޓީމެއް ކަމަށެވެ. މިހެންވެ ޓީމުގައި ތިބޭނީ ކޮން ކުޅުންތެރިންތަކެއްތޯ ވަކިވަކިން ބުނަން އޭނާ ބޭނުންނުވާ ކަމަށެވެ. ނަމަވެސް ކޫމަން ބުނީ ކެޕްޓަން ލަޔޮނަލް މެސީ އަކީ އެހެން ހުރިހާ ކުޅުންތެރިންނާ ތަފާތު ކުޅުންތެރިއެއް ކަމަށެވެ.

"އޭނާ އަކީ ކޮންމެ ކޯޗަކު ވެސް ބޭނުންވާނެ ކުޅުންތެރިއެއް. އޭނާ ޓީމުގައި ބަހައްޓަން އަހަރެން ބޭނުން. އެކަމަކު އޭނާ އަށް ވިސްނައިދެވޭނެ ކަމެއް ނޭނގެ. އަހަރެން މަސައްކަތް ކުރާނަން މި ކުލަބުގައި އޭނާ އަށް ފުރުސަތު އޮތްކަން ވިސްނައިދޭން. އޭނާ މަޑުކޮށްފިނަމަ އެކަންވާނީ ކުލަބަށާއި އެންމެނަށް ވެސް ލިބޭނެ ކުރިއެރުމަކަށް،" ކޫމަން ބުންޏެވެ.

ބާސެލޯނާއިން އަންނަނީ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން ވިސްނަމުންނެވެ. މީގެ ތެރޭގައި ލުއިސް ސުއަރޭޒް އާއި ސެމިއުލް އުމްޓީޓީ އާއި އިވާން ރަކިޓިކް އާއި އަތްރޫރޯ ވިދާލް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ޗެމްޕިއަންސް ލީގުން ތަފާތު ބޮޑުކޮށް ބަޔާން މިއުނިކް އަތުން ބަލިވެ، އަދި ތަށްޓެއް ނުލިބި ސީޒަން ނިންމާލުމުން ބާސެލޯނާ އަށް ދަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ. މިއާއެކު ކުލަބުން ވަނީ ކޯޗު މަގާމުން ވަކިކޮށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.