ޒުވާނުންނާއި މެދު އުމުރުގެ މީހުން ކޯވިޑް-19އިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިނަމަ މިބަލި ރާއްޖޭގައި ކޮންޓްރޯލް ކުރެވިދާނެކަމަށް އެޗްޕީއޭގެ އެޕިޑަމޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވާ ވާހަކަދައްކަވަމުން އެޗްޕީއޭގެ އެޕިޑަމޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ޢާއްމުކޮށް ފެންނަނީ ޢުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ ޢުމުރުފުރައާއި ޢުމުރުން 40 އަހަރާއި 64 އަހަރާއި ދެމެދުގެ ޢުމުރުފުރައިގެ މީހުންގެ ފަރާތުންކަމަށެވެ.
މިއީ އެންމެ ޙަރަކާތްތެރިވެ އުޅޭ ޢުމުރުފުރާތައްކަން ފާހަގަކުރައްވަމުން ޑރ.އަފްޒަލް ވިދާޅުވީ ރާއްޖޭގައި ބަލި ކޮންޓްރޯލްކުރުމުގައި މިޢުމުރުފުރާތަކުގެ މީހުންގެ ޢަމަލުތައް ބަހައްޓާގޮތް ބޮޑު ދައުރެއް އަދާކުރާކަމަށެވެ. އެހެންކަމުން މިޢުމުރުފުރާތަކުގެ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް އަޅައިފިނަމަ ކޯވިޑް-19 ރާއްޖޭގައި ކޮންޓްރޯލްކުރެވިދާނެކަމަށެވެ. ޑރ.އަފްޒަލް ވިދާޅުވީ ރާޢްޖޭގައި މިހާރު އެކެއްގެ ފަރާތުން އަނެކެއްގެ ގަޔަށް ބަލި ފެތުރޭ ނިސްބަތް މަދުވެފައިވީ ނަމަވެސް ކުދި ކްލަސްޓަރތައް އިތުރުވަމުން އަންކަން ފާހަގަކުރެވޭ ކަމަށެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގް ވިދާޅުވީ ޢާއްމުކޮށް ރާއްޖޭގައި ބަލި ޖެހެނީ ޒުވާނުންނަށް ވެފައި އެ ޢުމުރުގެ މީހުންނަށް ބަލީގެ ނުރައްކާ ކުޑަނަމަވެސް އެމީހުންގެ ފަރާތުން ހައި ރިސްކް މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އެހެންކަމުން ބޭރަށް ދިޔުން މަދުކުރުމަށާއި ބޭރުގައި އުޅޭއިރު ރައްކާތެރިކަމަށް އިސްކަންދިނުމަށް ޑރ.ނަޒްލާވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރުވެފައިވާއިރު މިހަފްތާގެ މިހާތަނަށް އައިއިރު ކޮންމެ ދުވަހަކު އެވްރެޖުކޮށް ސަތޭކައަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ހިމެނޭ ދިވެހިންގެ އަދަދުވެސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.