ޚަބަރު

ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް


ސަރުކާރުގެ ތެރޭގައި ހިންގޭ ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެކަންކަމާއިމެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މިމައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ 21 މެމްބަރުންގެ ވޯޓުންނެވެ. މައްސަލަ ހުށަހެޅުމަށްފަހު ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ކޯވިޑް19 އާއި ގުޅިގެން ކުރެވުނު ހޭދަތަކުގައި ބޮޑެތި ކޮރަޕްޝަން ހުރިކަން ހާމަވެފައިވާއިރު މިކަންކަމާއިމެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުން ވަނީ މިމައްސަލާގައި ޝާމިލުވާ ދައުލަތުގެ ވަޒީރުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އަދި މިއީ ދިވެހި ދައުލަތް ނުހަނު ބޮޑަށް އިޤްތިޞާދީ ގޮތުން ބަލިކަށި ވެފައިވާ ވަގުތަކަށްވާއިރު ބަޖެޓުން ފައިސާ ޚަރަދު ކުރުމުގައި އެއްވެސް ބެލުމެއްނެތި ޚަރަދު ކޮށްފައިވާކަމީ ބަލަންޖެހޭ ކަންކަންކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި ސަރުކާރަށް ތާއީދު ކުރާ މެމްބަރުންވެސް ވަނީ މިމައްސަލައަށް އާދަމް ޝަރީފު ހުށައެޅުއްވި ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މެމްބަރުން ވިދާޅުވިއެވެ.

ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ސަރުކާރުގެ ތެރޭގައި ފެތުރެމުންދާ އެންމެބޮޑު ސަބަބަކީ ފާއިތުވެދިޔަ ތަނުގައި ހިނގައިދިޔަ ކޮރްޕަޝަންގެ މައްސަލަތައް ނުބެލުންކަމަށް ބައެއް މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ރައީސް ޞާލިހަކީ ކޮރަޕްޝަނަށް ޖާގަ ދޭނެ ބޭފުޅެއް ނޫންކަމަށާއި ކޮރަޕްޝަން ހިންގުމާއި އެފަދަ އަމަލުތައް ކުރައްވާ ބޭފުޅުންނާއިމެދު އަޅަންޖެހޭ ފިޔަވަޅު މިސަރުކާރުން އަޅާނެކަމަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވިދާޅުވިއެވެ.

ކޯވިޑް19 އާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން ކުރެވުނު ޚަރަދުތަކުގެ އޮޑިޓްތައް ދަނީ ކުރަމުންނެވެ. މިހާތަނަށް އޮޑިޓާ ޖެނެރަލް ވަނީ 3 ރިޕޯޓެއް ނެރުއްވާފާއެވެ. އޭގެ ތެރެއިން ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި، ޓުވަރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްތަކުގައި ބޮޑެތި ކަރެޕްޝަންތަކެއް ހުރިކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ޑިފެންސް މިނިސްތްރީން މިހާލަތުގައި އަމަލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.