ދުނިޔޭގެ ވިޔަފާރި

ޗައިނާގައި ހިންގާ ކޮކާކޯލާގެ އިންވެސްޓްމަންޓް ފުޅާކުރަނީ


ސަޕްލައި ވަރުގަދަކުރުމަށް ޗައިނާގައި ހިންގާ ކޮކާކޯލާގެ އިންވެސްޓްމަންޓް ފުޅާކުރުމަށް ނިންމައިފިއެވެ.

"ކޮކާކޯލާ ޗައިނާ"އާއި އެކުންފުނީގެ ބޮޓްލިންގ ޕްލާންޓްތަކުގެ މަސައްކަތް ފުޅާކުރުމަށް ނިންމާފައިވާއިރު، ޗައިނާގައި އެކުންފުނީގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ދަނީ އިތުރުވަމުންނެވެ.

ކޯވިޑްއާ ގުޅިގެން ގިނަ ވިޔަފާރިތަކަށް އަސަރުކުރިނަމަވެސް، މިއަހަރުގެ ދެވަނަ ކުއާޓަރުގައި މާލީ ހިސާބުތައް ދައްކާގޮތުން "ކޮކާކޯލާ ޗައިނާ"އަށް ވަނީ ރަނގަޅު އާމްދަނީއެއް ލިބިފައެވެ. އަދި އެއާއެކު ޗައިނާގެ އެހެން ކުންފުނިތަކާ ގުޅިގެން އިތުރު ފެކްޓަރީތައް ޤާއިމްކޮށް، ވިޔަފާރި އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކޮކާކޯލާއިން ވަނީ ފަށާފައެވެ. އެގޮތުން ޗައިނާގައި ކޮކާކޯލާ ބަންދުކުރާ "ސްވަޔަރ ކޮކާކޯލާ ކުންފުނިން ވަނީ މިއަހަރު އިތުރު 6 ޕްރޮޑަކްޝަން ލައިން ޤާއިމްކުރުމަށް ނިންމާފައެވެ. މިއީ ގާތްގަނޑަކަށް 36 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. އެކުންފުނީގެ އިތުރުން، ސީ.އޯ.އެފް.ސީ.އޯ ނަމަކަށް ކިޔާ ކުންފުންޏަކުންވެސް ދަނީ ޗައިނާގެ އިތުރު ސަރަޙައްދުތަކުގައި ފެކްޓަރީތައް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ.

ފެކްޓަރީތަކާއި ބޮޓްލިންގ ޕްލާންޓްތައް ޤާއިމްކުރުމުގެ އިތުރުން، ކޮކާކޯލާއިން ދަނީ އޮންލައިން ވިޔަފާރީވެސް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ޗައިނާގެ އޮންލައިން ޑެލިވަރީގެ ޚިދުމަތްދޭ އެކުންފުނިތަކާއެކު ކޮކާކޯލާއިން ވަނީ މަސައްކަތް ފަށާފައެވެ.