ޚަބަރު

ސިފައިންގެ ވީއައިޕީގައި ޝިޔާމްގެ ބައްޕަ ބެހެއްޓުމުގަ ކޮރަޕްޝަނެއް ނެތްކަމަށް ނިންމި މައްސަލަ އަލުން ބަލަނީ


ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން ނިންމި ނިންމުން އަލުން ބަލައިދިނުމަށް ޕީޖީން އެދުމުން އެމައްސަލަ އަލުން ހުޅުވައި ތަހުގީގު ފަށައިފިއެވެ.

އޭސީސީން ވިދާޅުވީ ޕީޖީގެ އޮފީހުން އެ މައްސަލައިގެ ތަފްސީލު ބޭނުން ވާތީ އާއި މައްސަލަ އަލުން ބަލައި ދިނުމަށް އެދުމުން މައްސަލަ އަލުން ރިވިއުކޮށް އޭސީސީން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ތަހުގީގު ފަށާފައިވާކަމަށެވެ. ރިޕޯޓްގައި ކޮރަޕްޝަންގެ މައްސަލައެއް ނެތްކަމަށް އޭސީސީން ނިންމި ނަމަވެސް މައްސަލަ އަލުން ބެލުމަށް ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން މީގެކުރިންވެސް ނިންމާފައިވާކަމަށް އޭސީސީގެ މީޑިއާ އޮފިސަރ ވިދާޅުވިއެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއްނެތް ކަމަށް އޭސީސީން ނިންމި ނިންމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އާންމު ފަރާތަކުން ވަނީ އެ މައްސަލަ ފުލުހުންނަށް ވަނީ މައްސަލައެއްވެސް ހުށަހަޅާފައެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގައި ބުނީ، ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ ވީއައިޕީ ފެސިލިޓީ، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަމިއްލަ މަންފާއަށް ޝިޔާމް ބޭނުންކުރެއްވި ކަމަށެވެ. ޝިޔާމްގެ ބައްޕަ ބަލިވެ އުޅުއްވާތީ، އޭނާ އެތަނުގައި އެއް އަހަރާއި ހަ މަސް ވަންދެން ބޭއްވިއިރު، އެކި ޚިދުމަތްތައް ދެމުން އައީ ސިފައިން ލައްވައި ކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ހުށަހެޅި މިސިޓީގައި ބުނެފައިވެއެވެ.

އަދި މިފުރުސަތަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ނެތް ނަމަ ޝިޔާމަށް ލިބޭނެ ފުރުސަތެއް ނޫން ކަމަށް ސިޓީގައިވެއެވެ. އަދި ވީއައިޕީ ފެސިލިޓީ ބޭނުން ކުރަމުން ދިޔައީ އެތަން ބޭނުން ކުރާނެ ގޮތުގެ އުސޫލެއް ވެސް އެކަށައަޅާފައި ނުވަނީސް ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އޭސީސީން މައްސަލަ ބަލައި ނިންމުމަށް ފަހު، އާންމު ކުރި ރިޕޯޓުގައި ވަނީ ޝިޔާމްގެ ބައްޕަ ހުންނެވީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިމާރާތް ހުންނަ ގޯތީގައިވާ ވީއައިޕީ ގޭގައި ކަމަށެވެ. އެ ކޮމިޝަނުން ބުނީ، އެ މައްސަަލަ ތަހުގީގުކޮށް ބެލިއިރު، ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭކަން ލިބިފައިވާ ލިއެކިޔުންތަކުން އެނގޭކަމަށެވެ.